ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު 14:30 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

އެ އެކްސިޑެންޓްގައި އަނިޔާވި މީހަކު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

''މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުން'' ފުލުހުން ވިދާޅުވެފަވެއެވެ.

އިއްޔެ ވެސް ވަނީ ބްރިޖު މަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓް ހިނގުމުން ކާރު ވަނީ މަޑުނުކޮށް ގޮސްފައެވެ.