ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ.
މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ނޮޅިވަރަންފަރު ލައިކަންއާއި މުރައިދޫ ވޮލީ ޓީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް މުރައިދޫ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. މުރައިދޫ ޓީމުން ސެޓްތައް ކާމިޔާބު ކޮށްފައި ވަނީ 25/8، 25/13، 25/23 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައި ވަނީ މުރައިދޫ ޓީމްގެ ޖޯޒީ ނަމްބަރު 10، ނިރްމާލް ޓަންވާރްއެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން
- އޫޝާ ބަންދަރަ – ވައުދު
- ފާތިމަތު ނުހާ – މުރައިދޫ
- ނިރްމާލް ޓަންވާރް – މުރައިދޫ
- ފާތިމަތު މާޔާ – މުރައިދޫ
- ޖާޔާ ވާދަނަ ނިރަމާނީ – ލައިކަން
- މަރިޔަމް އަޒީފާ – ލައިކަން
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން، ފޮޓޯ: ބީޒެޑްޑީ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް މުރައިދޫ ޓީމްގެ ނިރްމާލް ޓަންވާރް ހޮވިފައިވާއިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ބާރަށު ޓީމްގެ އައިޝަތު ލަޔާނަތެވެ. އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާއަށް ހޮވިފައި ވަނީ މުރައިދޫ ޓީމްގެ އައިޝަތު ޝާއިނާއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ މުރައިދޫ ޓީމްގެ ކޯޗް މުޙައްމަދު ނަދީމެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ބާރަށު ވޮލީ ޓީމެވެ.
މުބާރާތުގެ ނަރަޕް ނޮޅިވަރަންފަރު ލައިކަން، ފޮޓޯ: ބީޒެޑްޑީ
މުބާރާތުގެ ފިރިހެންބައިގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅޭނެއެވެ. ފައިނަލު މެޗުގައި ބައްދަލުކުރާނީ ކެލާ ވޮލީ ޓީމާއި މުރައިދޫ ވޮލީ ޓީމެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު 16:15 ގައެވެ.
ބާރަށު ޒުވާނުންގެ ދިރުމުގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގެ، ފުރަތަމަ 16 މުބާރާތް ބާއްވާފައި ވަނީ ރަށު ފެންވަރުގައެވެ. މިއީ އެންމެ އުތުރުގެ ދެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މިއީ އެ ޖަމްޢިއްޔާގެ 18 ވަނަ މުބާރާތެވެ.
ބާރަށު ޒުވާނުންގެ ދިރުމަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއަކީ ފާއިތުވި 28 އަހަރު ދެވަހުގެ ތެރޭގައި ވެސް ހުއްޓުމެއްނެތި ބާރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ހާއްސަކޮށް ރަށުފެންވަރުގައި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ގިނަ މުބާރާތްތަކެއް އެ ޖަމްޢިއްޔާއިން ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!