ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެ އަނދާ ހުލިވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެ އިމާރާތުގައި 465 މީހުން ދިރިއުޅެއެވެ. އޭގެތެރެއިން 73 މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

Ad
rt

މި އިމާރާތުގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލާފައި ވީނަމަވެސް، މި ހާދިސާގައި މި އިމާރާތް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ކޮށްފައި ވަނީ ރޭ މެންދަމު 00:31 ގައެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ ރޭ 01:52 ހާއިރުއެވެ.

އަލިފާން ރޯމުން އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މީހުން އެތަނުގެ ބޭރުގައި މަޑުކޮށްލައިގެން، ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުމެއްލިބިފައިނުވާއިރު، އަނިޔާވި 73 މީހުންގެ ތެރެއިން 13 މީހަކަށް ފަރުވާދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ. ބާކީ 60 މީހުންނަށް ފަރުވާ ދެމުންދަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ، 73 މީހަކަށް ފަރުވާ ދެމުން އަންނައިރު، މިދިޔަ މަހުވެސް ވަނީ ބޭރު މަސައްކަތްތެރިން ތިބޭ އިމާރާތެއްގައި ރޯވެ 10 ބިދޭސީން ނިޔާވެފައެވެ. އެ އިމާރާތުގައި ގިނައިން ދިރިއުޅުނީ އިންޑިއާ އަށް ނިސްބަތްވާ މީހުންނެވެ. އެ ހާދިސާގައި ނިޔާވި 10 މީހުންގެ ތެރެއިން 8 މީހުންނަކީ ވެސް އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ. އަނެއް ދެ މީހުންނަކީ ބަންގްލަދޭޝްގެ ދެ މީހުންނެވެ. މިހާދިސާ ހިނގީ މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރެއެވެ.