ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް، ހަނިމާދޫ ކައުންސިލުން އާންމު ކޮށްފިއެވެ.

ހަނިމާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގެވަޅަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އިއްޔެ ކައުންސިލުން އާންމު ކޮށްފައިވާއިރު، 195 ފަރާތަކަށް އެ ލިސްޓްގައި ގެވަޅު ލިބޭކަން ފާހަގަ ކޮށްފައިވެއެވެ. ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ބާކީ އޮތް ފަސް ގެވަޅަށް ޝަރުތު ހަމަވާ 17 ފަރާތެއް އެ ލިސްޓްގައި ފާހަގަ ކޮށްފައިވާއިރު، އެ ފަސް ގެވަޅަށް ސަތާރަ ފަރާތުގެ މެދުގައި ގުރުއަތުލުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ހަނިމާދޫން ގެވަޅު ދޫކުރުމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައި ވަނީ ކައުންސިލްގެ އުންމީދަކީ މި ފަރާތްތަކަށް ފެށޭ އަހަރުގެ ކުރީކޮޅު ގެވަޅު ދޫކުރެވޭ ވަރު ވުން ކަމަށެވެ. ކައުންސިލްގެ ވިސްނުމަކީ ގެވަޅު ދޫކުރާ ސަރަހައްދުތައް ސާފު ކުރުމަށް ފަހު ގެވަޅު ދޫކުރުން ކަމަށާއި ވުމާއެކު މިހާރު ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ސާފުކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން އިޢުލާން ކޮށްފައިވާ ކަމަށެވެ.

ހަނިމާދޫ ކައުންސިލުން ވަނީ ފާއިތުވި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު، ހަނިމާދޫން ގެވަޅު ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްގަސް އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ނަގައި ސާފުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާން ވެސް ކޮށްފައެވެ.

ފިރާގު އިތުރަށް ވިދާޅުވެފައި ވަނީ ގެވަޅަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން ފޯމުލާފައިވާ ބައެއް ފަރާތްތަކުން އެކަމަށް ކަނޑައަޅައި އާންމު ކޮށްފައިވާ އުސޫލް އެންމެ ރަނގަޅަށް ކިޔާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ވެސް ޝަކުވާ އިތުރުވެގެން ގޮސްފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

ފިރާޤު އިތުރަށް ވިދާޅުވެފައި ވަނީ މިވަގުތު ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގެވަޅާއިއެކު، ހަނިމާދޫގެ ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ލިބިގެން ނުދާނެ ކަން ގަބޫލް ކުރައްވާ ކަމަށާއި، ވުމާއެކު ހަނިމާދޫން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިހާރު އިމާރާތް ކުރަން ފަށައި ނުނިމި ހުރި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މިހާރު ފަށައިގަނެގެން ކިރިއަށްދާ ކަމަށެވެ.

ފިރާގު އިތުރަށް ވިދާޅުވެފައި ވަނީ ހަނިމާދޫ ކައުންސިލްގެ އުންމީދަކީ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވީ އެންމެ އަވަހަކަށް އެކަށީގެންވާ ހައްލެއް ހޯދައި ދިނުން ކަމަށެވެ.

ހަނިމާދޫއިން އެންމެ ފަހުން ގެވަޅު ދޫކޮށްފައު ވަނީ 2010 ވަނަ އަހަރުއެވެ. އެއަށްފަހު ފާއިތުވެދިޔަ 12 ވަރަކަށް އަހަރު ހަނިމާދޫއިން ގެވަޅު ދޫކޮށްފައިނުވާތީ، ހަނިމާދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ މި މައްސަލައެވެ.

ފާއިތުވެ 12 އަހަރު ތެރޭ ޒަވާޖީ ހަޔާތެއް ފަށައި، ބޯހިޔާވަހިކަމެއް ހެދުމަށް ރަށުން ގޯތި ހޯދުމަށް އެދިއެދި ތިބި އެތައް ރައްޔިތަކު އެބަ ތިއްބެވެ. ފާއިތުވި 12 އަހަރުތެރޭ އެތައް ކައިވެންޏެއް ކުރެވި، އެތައް ކުދިންނެއް އުފަން ވެއްޖެއެވެ. ނަމަވެސް އަމިއްލަ ބޯހިޔާވަހިކަން ބިނާ ކުރުމަށް ރައްޔިތުންނަށް ފުރުޞަތު ނުލިބި އޮތުމަކީ ހަނިމާދޫގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ހަނިމާދޫއަކީ ބިމުގެ ގޮތުން ތަނަވަސްކަން ބޮޑު ރަށެކެވެ.