ނ. ލަންދޫ އާއި ށ. މަރޮށީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.
މަރޮށީގެ އެކްސްޓެންޝަން އިމާރާތަކީ ސަރުކާރުގެ ބަޖެޓުން 3.8 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން އިމާރާތް ކުރި ތަނެކެވެ. މި އިމާރާތް ހުޅުވުމާއި ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހުރިހާ ބައެއް މިހާރުވަނީ މި އިމާރާތަށް ބަދަލުކޮށްފަ އެވެ.
މަރޮށީގެ އާބާދީ އަކީ ގާތްގަޑަކަށް 900 މީހުން ނެވެ.
އާބާދީއެއް އޮންނަ މި ރަށުގައި އިމާރާތްކުރި އައު އިމާރާތުގެ ސަބަބުން އެރަށުގައި ސިއްހީ ހިދުމަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ.
ލަންދޫގެ އައު އިމާރާތަށް ސަރުކާރުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އިމާރާތް ހުޅުވުމުން ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހުރިހާ ބައެއް މިހާރުވަނީ އައު އިމާރާތަށް ބަދަލުކޮށްފަ އެވެ.
ލަންދޫގެ އާބާދީގައި ގާތްގަޑަކަށް 1000 މީހުން މިހާރު ހިމެނެއެވެ.
މި ދެ އިމާރާތް ވެސް ހުޅުއްވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ މި ދެ އިމާރާތުގެ ސަބަބުން އެ ދެރަށުގައި ސިއްހީ ހިދުމަތް އިތުރަށް ފުޅާވެގެން ދާނެކަމަށާއި ރައްޔިތުން މިހައިތަނަށް އުފުލަމުންދިޔަ ތަކުލީފުތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ހާއްސަކޮށް އަތޮޅުތެރޭގައި މި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!