ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސެނެގާލް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ.

ރޭ ގަތަރުގެ އަލްބައިތު ސްޓޭޑިއަމްގައި ސެނެގާލްއާއި ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި މުބާރާތުގައި އިންގްލެންޑުން ދައްކަމުން އަންނަ މޮޅު ކުޅުން ރޭގެ މެޗުގައި ވެސް އެ ޓީމުން ވަނީ ތަކުރާރު ކޮށްފައެވެ. އަދި މެޗުގައި ގިނަ ފުރުޞަތުތަކެއް އެ ޓީމުން ވަނީ ހޯދާފައެވެ.

މެޗުގެ ބާރަވަނަ މިނެޓުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ސެނެގާލްގެ ޕެނެލްޓީ އޭރިއާގެ ބޭރުން ވާތުފަޅިން އޭރިއާތެރެއަށް ވަދެ ވަނީ ނުރައްކާތެރި ހުރަހެއް ގޯލު ކުރިމައްޗަށް ކޮށްފައެވެ. ނަމަވެސް އެ ބޯޅަ ލަނޑަކަށް ބަދަލުކޮށް ނުލެވުނީ ސަކާއަށް އެ ބޯޅައަށް ރަނގަޅަށް އެރޭވަރު ނުވުމުންނެވެ.

ސެނެގާލުން ވަނީ ފުރަތަމަ ހާފުގައި ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި އިސްމާއިލާ ސާއަށް ލަނޑުޖަހަން ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި މަތިންނެވެ. އޭގެ ދިހަ މިނެޓްފަހުން ސެނެގާލްގެ ޑިއާއަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 39 ވަނަ މިނެޓުގައެވެ. އިންގްކެންޑުން އުފެއްދި ކައުންޓަ އެޓޭކަކުން ޖޫޑް ބެލިންހަމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޖޯޑަން ހެންޑަސަންއެވެ.

މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ވަރަށް ރީތި ލަނޑެއް ކާމިޔާބުކޮށް ލީޑް ފުޅާކޮށްފައެވެ. މިއީ އިންގްލެންޑުން އުފައްދާފައިވާ ކައުންޓައެޓޭކަކުން ޖަހާފައިވާ ލަނޑެކެވެ.

އިންގްލެންޑްގެ ތިންވަނަ ލަނޑު 57 ވަނަ މިނެޓުގައި ފިލް ފޮޑެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބުކަޔީ ސަކާއެވެ.

ކުއާޓާ ފައިނަލްގައި އިންގްލެންޑު ބައްދަލުކުރަންޖެހޭނީ އެންމެ ފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަން ފުރާންސާއެވެ. މި މެޗު އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގަޑިން 00:00 ގައެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިރޭ ރާއްޖޭ ގަޑިން 20:00 ގައި ބައްދަލުކުރާނީ ޖަޕާނާއި ކޮރޭޝިއާއެވެ. މިރޭ ދަންވަރު 00:00 ގައި ބްރެޒިލް ނުކުންނާނީ ސައުތު ކޮރެއާއާއި ދެކޮޅަށެވެ.