އިސްލާމް ދީނަކީ އިންސާނާ މާތްކުރައްވާ އޭނާގެ ނަފުސު ރައްކާތެރި ކުރެއްވި ދީން ކަމަށާއި އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފުސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމް ދީން ވަނީ ބާރު އަޅުއްވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

"އަމިއްލަ ނަފުސު އިސްލާހުކުރަން އިސްކަން ދޭށެވެ." މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާ ގައި ވަނީ ހާއްސަކޮށް އެއްވެސް ހައްގަކާއި ނުލާ ތިމާގެ މުސްލިމު އަޚާގެ ނަފުސުގެ ކަރާމާތާއި އިއްޒަތް ނަގައިނުލުމަށް އިސްލާމް ދީން ބާރު އަޅާ ކަމަށެވެ.

Ad
rt

އެގޮތުން އެހެން މީހުންގެ ކުށްތަކާއި އައިބުތަކާއި އުނި ސިފަތައް ހޯދައި، ކަޝްފު ކުރުން މަނާ ކުރައްވާފައިވާ ކަމަށް ހުތުބާގައި ވެއެވެ. އެއީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ފަސާދާކުރާ ބަލިމަޑުކަމަކަށް ވާތީ ކަމަށާއި އެހެނީ، މިފަދަ މީހުންނަށް ތިމާގެ އުނި ސިފަތަކެއް ނުފެންނާނެ ކަމަށާއި އަބަދުމެ ފެންނާނީ އަނެކުންގެ ސިފަތައް ކަމަށް ވެސް ހުތުބާގައި ވެއެވެ.

"މިއަދުގެ ހާލަތަށް ބަލާއިރު، ބައެއް މީހުންގެ މަސައްކަތަކީ އަބަދުމެ މީސްތަކުންގެ އުނި ސިފަތައް ހޯދައި، ސޯޝަލް މީޑިއާގައި އެކަން ހާމަކުރުމެވެ. ބައެއް ފަހަރަށް އެމީހުން މީސްތަކުންނަށް މަލާމާތް ކުރަނީ، މީހުންގެ ހާލަތާއި ސިފައާ ބެހޭ ގޮތުންނެވެ. އަނެއްބައި ފަހަރަށް މަލާމާތްކޮށް ނެތިމޮށެނީ މީހުންގެ ހަސަބާއި ނަސަބާއި ބެހޭގޮތުންނެވެ. އެފަދަ މީހުން ދެކޭގޮތުގައި އެމީހުންނަކީ އެއްވެސް އުނި ސިފައެއް ނެތް ފުރިހަމަ ބައެކެވެ. އެހެން މީހުންނަކީ އުނި ބައެކެވެ." ހުތުބާގައި ވެއެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ އެހެން މީހުންގެ އައުރަތައް ކަޝްފު ކުރުމާ ދުރުހެލި ވުމަށާއި އެހެން މީހުންނަށް މުސީބާތެއް ކުރިމަތިވުމުން ތިބާ އެކަމާ އުފާ ނުކުރުމަށް ވެސް ގޮވައިލާފަ އެވެ.

އަނިޔާވެރި ކަމަކީ ތަފާތު ސިފަސިފައިގާ ވާ ކަމެއްކަން ފާހަގަ ކުރައްވާ އޭގެ ތެރޭގައި އަމަލުން ކުރާ އަނިޔާ އާއި ބަހުންނާއި ނަފްސާނީގޮތުން ކުރާ އަނިޔާ ހިމެނޭކަން ހަނދާންކޮށްދެއްވި އެވެ. އަމަލުން ކުރާ އަނިޔާގެ ތެރޭގައި މީހުންގެ ނަފްސަށާއި އަބުރަށާއި މުދަލަށް އަދި އެމީހުންގެ ހައްގުތަކަށް އަރައިގަތުން ހިމެނޭ ކަމަށް ހިމެނޭ ކަމަށް ހުތުބާގައި ވެއެވެ.

މީގެ އިތުރުން މީހުންނަށް ފުރައްސާރަ ކުރުމަކީ އެމީހުންގެ ނަފުސަށް ދެވޭ އަނިޔާއެއްކަން ފާހަގަ ކުރައްވާ މާތްﷲ ގެ ވަހީ ބަސްފުޅުތަކުން ވަނީ ދަލީު ދައްކަވާފަ އެވެ.