މި މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކޮށް ނިންމާލައިފިއެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވިދާޅުވީ، އެ ގޭ ސާފުކޮށް ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތް ކޮށްފައިވަނީ އެ މި ނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސަސް ޑިޕާޓްމަންޓުންނެވެ.
މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގައި މިހައިތަނަށް އެންމެގިނަ މީހުން ނިޔާވި ހާދިސާ އެވެ. އެ ހާދިސާގައި އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުން އަދި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއް ވަނީ ނިޔާވެފަ އެވެ.
އެ ރޭ ދަންވަރު 12:30 ހާއިރު އެ ގޭގަައި އަލިފާން ރޯވިއިރު، އެ ތަނުގައި 26 މީހަކު ތިބިކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
މި ހާދިސާގައި ނިޔާވި އެންމެންގެ ހަށިތައް އެ ގައުމުތަކަށް މިހާރުވަނީ ފޮނުވާލާފަ އެވެ.
އެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބިދޭސީ މަސައްކަތްތެރިންގެ ޖަމިއްޔާ އިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާއިރު، އެންޑީއެމްއޭ އިން ވެސް ވަނީ 135،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފަ އެވެ. އަދި ހާލުގައި ޖެހުނު 33 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ވަނީ ދީފަ އެވެ.
ނިރުފެހިގޭ ގަރާޖުގައި ހިނގި މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!