އީމާންކަމަކީ ހިތުގައި ޘާބިތުވެފައިވާ ވަރުގަދަ އަގީދާއެއް ކަމަށާއި އެއީ ތިމާގެ ހިތުގައި ބިންވަޅު ނެގިފައިވާ ޔަޤީންކަމެއް ކަމަށް ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.
"އީމާންކަން ހަރުދަނާކުރުން" މި މައުޟޫއަށް ކުރިއަށްގެންދިޔަ ހުތުބާގައި ވަނީ ހަގީގީ މާނާގައި، މާތް الله އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި ބާއްޖަވެރިކަމުގެ އިޙްސާސްތައް އުފައްދާ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެކަލާނގެ އަމުރުކުރެއްވި ކަންކަން އަދާކޮށް، ކިޔަމަންތެރިކަމުގެ ތެރެއަށް އިންސާނާއަށް ވެދެވޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"މިއަދު އަހަރެމެންގެ މުޖްތަމަޢުގައި ވެސް ތަޅާފޮޅުމާއި، މާރާމާރީ ވަނީ ޢާއްމުވެފައެވެ. ވައްކަމާއި، ޚިޔާނާތާއި، މަކަރުހެދުމާއި، އެކަކު އަނެކަކަށް ފުރައްސާރަކުރުން ވަނީ އިތުރުވެފައެވެ. ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި، ބަދުއަހްލާގީ އަމަލުތައް ވަނީ ހައްދު ފަހަނަޅައި ގޮސްފައެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި، އޭގެ ވިޔަފާރި ކުރުން ވަނީ އާއްމު ވެފައެވެ. މިފަދަ އަމަލުތަކަށް އަރައިގަނެވޭ ސަބަބަކީ، މާތް الله ހަނދުމަކުރުމުން އެއްކިބާވުމެވެ. އިމާންކަން ބަލިކަށިވުމެވެ." ހުތުބާގައި ވެއެވެ.
ހުތުބާގައި އިތުރަށް ވިދާޅުވީ އަހުރެމެންގެ މުޖްތަމަޢު ފާހިޝް އަމަލުތަކާއި، ކުށްތަކުން ސަލާމަތްކޮށް، އިސްލާހު ކުރެވޭނީ، މާތް الله އާއި، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނާގައި އީމާންވެ، ޢަޤީދާ ވަރުގަދަކޮށްގެން ކަމަށެވެ. އަދި އެކަލާނގެ ޙަޟްރަތަށް ރުޖޫއަވެ، އަޅުތަކުންނާއި އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްގެން ކަމަށެވެ.
ހަމަމިއާއެކު ޖާހިލިއްޔަ ޒަމާނުގައި އަރަބީންނަކީ، ރަލާ ނުލައި ނޫޅެވޭ ވަރަށް އެއަށް ދެވިހިފާފައި ތިބި ބައެއްނަމަވެސް މާތް الله، ރާ ހަރާމް ކުރެއްވިކަން އެންގެވުމުން ވަގުތުން އެބައިމީހުން ރާބުއިމުން ދުރުހެލިވިކަން ވަނީ ހަނދުމަކޮށްދެއްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!