އަލިފާނުގެ ހާދިސާފަދަ ކަންކަން ހިނގުމުގައި އެންމެބޮޑު މައްސަލައަކީ މާލެ ތޮށްޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ސަރަަހައްދަށް ވަޑައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށެވެ.

Ad
rt

އެންމެބޮޑު މައްސަލައަކީ މާލޭގައި ތޮށްޖެހިފަ އޮތް އޮތުން ކަމަށާއި ދިރުއުޅުމުގެ ހާލަތު އޮތްގޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެފުރަތަމަ ހައްލެއް ހޯދަން ޖެހެނީ ދިރިއުޅުމުގެ ހާލަތަށް ކަމަށެވެ. އަދި އެއާއެކު މާލޭގައި އިމާރާތް ކުރާއިރު، ބިލްޑިންގ ކޯޑު މިއަށްވުރެ ހަރުދަނާކުރެވި، އެކި ކަހަލަ މަސައްކަތްތައް އެކިތަނުގަ ކުރެވޭކަހަލަ ގޮތަކަށް ބަދަލުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ މާލެއަށް ހުރި ވަރަށްބޮޑު ގޮންޖެހުންތަކެއް ކަމަށާއި ބައެއް ކަންތައްތައް ކުރެވިފައިވާ ކަމަށެވެ. އަދި އެކަމަކު ބައެއް ކަންތައްތައް ފެށިގެން ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އަދަދު 10 އަށް އަރާފައިވާއިރު، 31 މީހަކު ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފަ އެވެ.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެފައިވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފައިވަނީ 13 ދިވެހީންނާއި 18 ބިދޭސީން ކަމަށެވެ.

ރޭ ދަންވަރު 12:27 ހާއިރު މި ހާދިސާ ހިނގާފައިވަނީ މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގަ އެވެ.

މި ހާދިސާގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދެއްވާ ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

މި ހާދިސާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ އަލިފާނުގެ ހާދިސާ ހިގައިގެން އުޅޭ ސަރަހައްދުގައި ހަރަކާތްތެރިވާ އެންމެހާ ބޭފުޅުން ދުމުން ރައްކާތެރި ވުމުގެ ގޮތުން މާސްކު އެޅުން އިލްތިމާސްކުރައްވާފަ އެވެ.

ސިފައިން އަދި ވެސް އެ އިމާރާތުގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނައިރު، އެ ސަރަހައްދުގައި ފުލުހުންނާއި އަދި ދިވެހި ރެޑްކްރެސެންޓުން ވެސް އަންނަނީ ހަރަކާތްތެރިވަމުން ނެވެ.