މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ އެވެ.
ދިވެހި ފުލުހުންގެ އިދާރާ އިން ވިދާޅުވީ ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް އިދާރާ އިން ކުރަމުން އަންނަކަމަށެވެ.
އެހެންވެ، މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އެ އިދާރާއަށް ހިއްސާ ކުރެއްވުމަށް ވަނީ އެދިލައްވާފަ އެވެ. އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިންފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ވެސް ހިއްސާކުރެއްވުމަށް އެދިލައްވާފައި ވެއެވެ.
އެގޮތުން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދިލައްވަ އެވެ.
ރޭ ދަންވަރު 12:27 ހާއިރު މި ހާދިސާ ހިނގާފައިވަނީ މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި 13 ދިވެހީންނާއި 18 ބިދޭސީން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.
މި ހާދިސާގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދެއްވާ ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
މި ހާދިސާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ އަލިފާނުގެ ހާދިސާ ހިގައިގެން އުޅޭ ސަރަހައްދުގައި ހަރަކާތްތެރިވާ އެންމެހާ ބޭފުޅުން ދުމުން ރައްކާތެރި ވުމުގެ ގޮތުން މާސްކު އެޅުން އިލްތިމާސްކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!