މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި ނިޔާވި މީހުންގެ ޢަދަދު 9 އަށް އަރައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ނިޔާވެފައިވާ އިތުރު މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.
''ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ދާދި ދެންމެއަކު ވަނީ ފެނިފައި، މިހާރު ނިޔާވި މީހުންގެ އަދަދަކީ 9'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ރޭގެ ހާދިސާގައި މިހާތަނަށް 9 މީހަކު ނިޔާވެފައިވާ ކަމަށް ވިދާޅުވެފައިއެވެ.
ރޭގައި އަލިފާން ރޯވީ މާލޭ މާފަންނު، ނިރުފެހި ކިޔާ ގެއެއްގެ ތިރީގައި ހުންނަ ވެހިކަލް މަރާމަތުކުރާ ގަރާޖެއްގައެވެ. އެ އަލިފާންގަނޑު ވަނީ އެ ގޭގެ ބިދޭސީން ދިރިއުޅޭ ލޭބާ ކުއާޓާގައި ވެސް ރޯވެފަ އެވެ. މި ހާދިސާ ހިނގީ ރޭ 12:27 ހާއިރު އެވެ.
މި ހާދިސާގައި އެ ސަރަހައްދުގެ ގޭތަކުން މީހުން ހުސްކޮށްފައިވާއިރު، ހާދިސާ ހިނގި ތަނާއި ޖެހިގެން ހުރި ގުދަނަކާއި ފިހާރައަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފާކަމަށް މައުލޫމާތު ލިބެއެވެ.
ސިފައިން އަދި ވެސް އެ އިމާރާތުގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނައިރު، އެ ސަރަހައްދުގައި ފުލުހުންނާއި އަދި ދިވެހި ރެޑްކްރެސެންޓުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!