ހަސަނު މާލެއަށް އައީ 80 ގެ އަހަރުތަކުގެ ފަހުކޮޅުއެވެ. އޭނާގެ މަންމަމެން އޭނަ މާލެ ފޮނުވީ ކިޔަވާށެވެ. މާލެއައިސް ހުންނަ ގޭގައި ނިދަން ޖެހުނީ ބިންމަތީގަ ކުނަލެއް އަޅައިގެންނެވެ. އެ ގޭގައި ހަސަނު ހުންނާތީވެ ކޮންމެ މަހަކު -/500 ރުފިޔާ އެގަޔަށް ހަސަނުގެ މަންމަމެން ފޮނުވާކަމަށް ހަސަނު ބުންޏެވެ.

ހަސަނު މާލެ އައިސް އަހަރެއް ވީތަނާ އެއްބަޑު ދައްތަގެ ދަރިފުޅު ބަލިވެގެން އަބަދު ބޭސްކުރަންޖެހޭތީ ހަސަނުގެ ދައްތަމެންނަށް މަޖުބޫރުވީ މާލެއަށް ބަދަލުވާށެވެ. ހަސަނުގެ ދައްތަ މާލެ ބަދަލުވެ، ދައްތަ އުޅެން 1 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމުން ހަސަނު އެތަނަށް ބަދަލުވިއެވެ. އެހާ ހިސާބުން ހަސަނު ނިދަން ފެށީ އެގޭ ސިޓިންގ ރޫމްގެ ބިންމަތީގަ ގޮދަޑިއެއް އަޅައިގެންނެވެ. ހަސަނު ކުނަލަކުން ގޮދަޑިއަކަށް ގްރެޖުއޭޓްވީއެވެ.

Ad
rt

ހަސަނު މިގޮތަށް އުޅެވެސް އޯލެވެލް ހަދާ ނިންމައިފިއެވެ. ހާލުގައި ކިޔަވަން ޖެހުނަސް ހަސަނު ބުނީ ހުރިހާ މާއްދާއަކުން ފާސްވެ ނަތީޖާ ރަގަޅުވުމުން އެސްއީސީއަށްވެސް ވަދެވުނު ކަމަށެވެ. އެހެންނަމަވެސް 4 މަސްވެސް ނުވަނީސް ހަސަނަށް ޖެހުނީ ކިޔެވުން ހުއްޓާލާށެވެ. ހަގަށްތިބި އެއްބަޑު 2 ކުދިންނަށް ޚަރަދުކުރަން ޖެހުމުންނެވެ. ކިޔެވުން އެހިސާބުން ނިންމާލައި ހަސަނު ވަޒީފާއެއް ހޯދިއެވެ. ހަސަނު މިވަޒީފާއަށް ނުކުމެ، މީހަކާ އިދެގެން ދައްތައާއިއެކު މާލޭއިން 2 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފިއެވެ. އެއްކޮޓަރީގައި އުޅެމުންދިޔާއީ ދައްތައާއި ދައްތަގެ ކުދިންނެވެ. އަނެއް ކޮޓަރީގައި ހަސަނުގެ ދެމަފިރިން ނެވެ.

ހަސަނު ކޮޓަރީގައި ހުރި އެނދުގައި ގޮދަޑިއެއް އަޅައިގެން ނިދަން ފެށިއެވެ. ކައިވެންޏަށް 1 އަހަރުވީތަނާ ހަސަނުގެ ދެމަފިރިންނަށް ދަރިއެއް ލިބުނެވެ. ދަރިފުޅާއި އަންހެނުން ނިދަން އެނދު ދީފައި ހަސަނު އަނެއްކާވެސް ބިންމަތީގައި ގޮދަޑިއެއް އަޅައިގެން ނިދަން ފެށީއެވެ. ދަރިފުޅަށް 3 އަހަރު ވީތަނާ 2 ވަނަ ކުއްޖެއް ހަސަނުގެ ދެމަފިރިންނަށް ލިބުނެވެ. އެހާ ހިސާބުން އަންހެނުންވެސް ޖެހުނީ ބިންމައްޗަށް ގޮނދަޑިއަށް ފައިބަންކަމަށް ހަސަނު ބުންޏެވެ. ހަސަނު ދައްތަގެ ފިރިމީހާ ދޭ އެއްޗަކުންނާ ހަސަނުގެ ދެމަފިރިން ކުރާ މަސައްކަތުން ދިރިއުޅޭ އެޕާރޓުމަންޓުގެ ކުލިދައްކާ ބިލްތަށް ދައްކާ ކައިބޮއި އުޅެވޭވަރުވަނީ ހަމަކިރިޔާއެވެ.

މިއީ މާލޭގައި ކުއްޔަށް އުޅޭ ރާއްޖެތެރޭ ގިނަ ރައްޔިތުން އުޅެންޖެހޭގޮތެވެ. ރަށުގައި ބޮޑު ކަފަ ގޮދަޑި އެނދުގައި ނިދާފައި މާލެއައިސް އުޅެންޖެހޭ ހާލަކީ މިއީއެވެ. ރަށުގަ ބޮޑު ކޮޓަރީގައި މޮޅު ގޮނދަޑީގައި ބޮޑު އެނދެއްގައި ނިދާ ދިރިއުޅެވެން އެބައޮތޮވެ. އާމްދަނީ ހޯދޭނެ ވަސީލަތްތަކާ ބިން އެބައޮތެވެ. ކުރަންޖެހޭނެ ކަމަކީ އެވަސީލަތްތަކުގެ ބޭނުންކޮށްގެން އަތޮޅު ތެރޭގައި ވަޒީފާ އުފެއްދުމެވެ. އަސާސީ ޚިދުމަތްތައް ގާއިމްކުރުމެވެ. މާލެ ނައިސް ދާއިމީ ބަލިތަކަށް ބޭސްކުރެވޭނެ ސިއްޙީ ނިޒާމެއް އަތޮޅު ތެރޭގައި ގާއިމް ކުރުމެވެ. ހުރިހާވެސް މައްސަލައަކީ ވެރިން ރާއްޖޭގެ އިގުތިސާދު މާލެ ސަރަހައްދުގައި ހިފަހައްޓަން އުޅުމެވެ. އަތޮޅުތެރޭ މީހުން ކުއްޔަށް އުޅެން މަޖުބޫރުވާގޮތަށް ސިޔާސަތުރޭވުމެވެ.