ވިޔަފާރިއާއި އެ ނޫން މުޢާމަލާތްތަކުގައި ވެސް މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދުމަކޮށްދެއްވައިފި އެވެ.

ހުތުބާގައި ވަނީ މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި ކޮންމެ މީހަކު ވެސް ދުންޔަވީ ހަޔާތުގައި މަސައްކަތް ކުރަމުން ދަނީ އުހުރަވީ ހަޔާތުގެ ބާއްޖަވެރިކަން ހޯދުމަށް ވިދާޅުވެފަ އެވެ.

Ad
rt

"މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެން މީސްތަކުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލިން ހެއްޔެވެ؟ މާތް الله ހަރާމް ކުރައްވާފައިވާ ގޮތްގޮތުން ހޯދާ ފައިސާ ތިޔަ ހޭދަކުރަމުންދަނީ، ތިމާގެ އަމިއްލަ ނަފްސަށާއި، ތިމާ ލޯބިވާ އަނބިދަރިންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ނޫންހެއްޔެވެ؟ ތިމާގެ އަތުން ތިމާ ލޯބިވާ މީހުންނަށް ޙަރާމް މުދަލާއި ފައިސާއިން ކާންދެމުން ގެންދާއިރު، މިކަމުގެ ނުބައިކަމާ މެދު ވިސްނާލިން ހެއްޔެވެ؟" ހުތުބާގައި ވެއެވެ.

މީގެ އިތުރުން ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ބްރޭންޑުތަކުގެ ކާބޯތަކެއްޗާއި، ހިފާގެންގުޅޭ ތަކެތި ރާއްޖެއަށް ގެނެސް ވަރަށް ބޮޑަށް އޮޅުވާލައިގެން ވިއްކަމުން އަންނަކަމަށާއި ހަމައެގޮތަށް އިލެކްޓްރޯނިކް ސާމާނު ވެސް ވިޔަފާރި ކުރުމުގެ ބޭނުމުގައި އެތެރެކޮށް ވިއްކާއިރު، ވަރަށް ބޮޑަށް އޮޅުވާލުމާއި މަކަރު ހަދަމުންދާކަމުގެ ޝަކުވާގެ އަޑުތައް މުޖުތަމައުން އަބަދު ވެސް އިވެމުންދާކަން ހުތުބާގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މިއީ ބައެއް ވިޔަފާރިވެރިންގެ ފަރާތުން ފެންނަމުންދާ ކަމެއް ކަމަށާއި މިގޮތަށް ވިޔަފާރި ކުރުމަކީ، މަކަރާއި، ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް ވަނީ ހަނދާންކޮށްދެއްވާފަ އެވެ. އަދި މިއީ މުދާ އުފައްދާ ފަރާތްތަކަށާއި، ގަންނަ ފަރާތްތަކަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ވެސް ހުތުބާގައި ވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން، ވިޔަފާރިވެރިންނާމެދު، މީސްތަކުންގެ ހިތްތަކުގައި އޮންނަ އިތުބާރު ކުޑަ ވާނެ ކަމަށާއި ބައެއްފަހަރު ބާޒާރުން ގަންނަ މުދަލުގެ ފެންވަރުދަށް ވުމުން، އޭގެ ބޭނުމެއް ނުކުރެވި، އަދި ބައެއް ފަހަރު އެފަދަ މުދަލުން ސިއްހީ ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ.