ސަރުކާރުން ގެންދަނީ ރާއްޖޭގެ އިގުތިސާދު މެނޭޖުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމަކީ ވެސް އޭގެތެރެއިން ފިޔަވަޅެއް ކަމަށާއި ރާއްޖޭގެ އިގުތިސާދު މެނޭޖުނުކުރެވިއްޖެ ނަމަ އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން އަދި މާ ބޮޑުވާނެ ކަމަށެވެ.
މިއުވާން ވިދާޅުވީ ޓެކްސްއާ އެއްކޮޅަށް ވާހަކަދެއްކުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށާއި މި ޖެހެނީ ޖީބުން ދެތިން ލާރި ނަމަވެސް އިތުރަށް ދޭން ކަމަށެވެ. އެހެންވުމުން އެކަމުގައި ދަތިތަކެއް ހުންނާނެ ކަމަށާއި އެކަމަކު ޖުމުލަ ގޮތެއްގައި މުޅި އިގުތިސާދަށް މީގެ ސަބަބުން ކުރާނީ ރަނގަޅު އަސަރުކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ އިގުތިސާދު މެނޭޖުކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށާއި ނަމަވެސް ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު ތަކެތީގެ އަގަށާއި ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގެ ހަރަދު އަދި ސަރުކާރު ހިންގުމުގެ ހަރަދަށް ވެސް ބަދަލުތައް އަންނަ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
"މަޝްރޫއުތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޓެކްސް ނެގުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭ. ދުނިޔޭގެ ބައެއް ގައުމުތަކުން ރައްޔިތުންގެ ރުހުން ހޯދުމަށް ކަމަށް ބުނެ ޓެކްސް ނަގާ މިންވަރު ދަށްކުރުމުން އިގުތިސާދުތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރަމުންދާ މަންޒަރު މިހާރުވެސް ދަނީ ފެންނަމުން." މިއުވާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއާއެކު އިގުތިސާދު ރަނގަޅުކުރެވުނީމަ ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ ކަމަށާއި މިހާރު ވަޒީފާތަކުގައި ތިބި ފަރާތްތަކަށް ވަޒީފާގެ ޔަގީންކަން ވެސް އޮންނާނެ ކަމަށެވެ.
ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އެ މަޖިލީހުގައި ވާހަކަދައްކަވަމުން، މާލީ ވަޒީރު އިބްރާހިމް އަމީރު ވެސް ވިދާޅުވަމުން އަންނަނީ އެއީ މިވަގުތު އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ ހަރަދުތައް ބޮޑުވަމުންދާ ކަމަށާއި، ރަށްތަކުގައި ބޭސިކް އިންފްރާންސްޓްރަކްޗާގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެތެރެއިން އާމްދަނީ ލިބޭނެ ކަންތައްތަކެއް މިވަގުތު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
އެހެންނޫންނަމަ ޖެހޭނީ މިހާރު ހިންގާ ޕްރޮޖެކްޓުތައް ހުއްޓާލަން ކަމަށާއި އެހެން ވެއްޖެނަމަ ރާއްޖޭގެ އިގުތިސާދު ދާނީ ފަހަތަށް ކަމަށް މާލީ ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!