2022 ވޯލްޑް ކަޕްގައި ގްރޫޕް ސީ ގައި ހިމެނޭ، މެކްސިކޯ އަކީ އުތުރު އެމެރިކާ ސަރަހައްދުން ވޯލްޑް ކަޕްގައި އާންމުކޮށް ވާދަކުރާ ގައުމެކެވެ. މިއީ މެކްސިކޯ ވޯލްޑް ކަޕްގައި ކުޅޭ 17 ވަނަ ފަހަރެވެ. އެމެރިކާގައި 1994 ގައި އޮތް ވޯލްޑް ކަޕުން ފެށިގެން، މެކްސިކޯ ދަނީ ގަވައިދުން އެ މުބާރާތަށް ކޮލިފައިވަމުންނެވެ.

މެކްސިކޯ އަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1970 އަދި 1986 ގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމެވެ. އެ ދެ އަހަރު ވެސް ވޯލްޑް ކަޕް ބާއްވާފައިވަނީ މެކްސިކޯގަ އެވެ.

Ad
rt

މެކްސިކޯ އަކީ އުތުރު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ގައުމެވެ. އުތުރު އެމެރިކާގެ ސަރަހައްދީ މުބާރާތް ކަމަށްވާ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން މެކްސިކޯ އިން ވަނީ ހަތް ފަހަރު ހޯދައިފަ އެވެ.

ކޮލިފައިވީ ގޮތް

މެކްސިކޯ ވޯލްޑް ކަޕަށް ކޮލިފައިވީ އުތުރު އެމެރިކާ ކޮލިފައިންގެ ފަސް ވަަނަ ބުރުގެ ދެވަވަނަ ޓީމުގެ ގޮތުގަ އެެވެ. މެކްސިކޯ ދެވަނަ ހޯދިއިރު، ދެވަނައިގައި އޮތް ކެނެޑާ އޮތީ ހަތް ޕޮއިންޓް ކުރީގައެވެ. ފަސް ވަަނަ ބުރުގައި ޖުމްލަ 14 މެޗު ކުޅުނުއިރު، މެކްސިކޯ ވަނީ އަށް މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗު އެއްވަރުވިއިރު، ދެމެޗުން ވަނީ ބަލިވެފައެވެ.

މުހިންމު ކުޅުންތެރިން

ރައުލް ޖިމިނެޒް

އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވަހެމްޕްޓަން ވެންޑަރާސް އަށް ކުޅެމުން އަންނަ ރައުލް އަކީ މެކްސިކޯގެ ކްލަބް އެމެރިކާ އިން ކެރިއަރު ފެށި ކުޅުންތެރިއެކެވެ. ސްޕެއިންގެ އެެތުލެޓިކޯ މެޑްރިޑަށް 2014 ގައި ބަދަލުވެ، އެ ކްލަބުގައި އެއް ސީޒަން އޭނާ ހޭދަކުރި އެވެ. އަދި ޖެހިގެން އައި އަހަރު ޕޯޗުގަލްގެ ބެންފީކާ އަށް އޭނާ ބަަދަލުވި އެވެ. ވުލްވްސް އަށް އޭނާ ބަދަލުވީ 2018 ވަނަ އަހަރުގައެވެ.

ރައުލް މެކްސިކޯގެ ގައުމީ ޓީމަށް ކުޅެން ފެށީ 2013 ގަ އެވެ. މިހާތަނަށް 94 މެޗު ކުޅެ، އޭނާ ވަނީ 29 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ 2014ގެ ވޯލްޑް ކަޕާއި 2018 ގެ ވެސް މެކްސިކޯ އަށް ކުޅެފަ އެވެ.

ކޯޗު

އާޖެންޓިނާ އަށް އުފަން ކޯޗު ޖެރާޑޯ މާޓިނޯ މެކްސިކޯގެ ގައުމީ ޓީމާ ހަވާލުވީ 2019 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕެއިންގެ ބާސެލޮނާ އާއި އާޖެންޓީނާގެ އިތުރުން ޕެރަގުއޭ ގައުމީޓީމުގައި ވެސް ކޯޗުކަން ކޮށްފައެވެ. އެންމެ ފަހުން މާޓިނޯ މަސައްކަތް ކުރީ އެމެރިކާގެ އެޓަލާންޓާ ޔުނައިޓެޑްގައެވެ. އޭނާ ވަނީ އެޓީމަށް އެމްއެލްއެސް ކަޕް ހޯދައިދީފައެވެ.

2019 ވަނަ އހަރަު މެކްސިކޯ ޓީމާއި ހަވާލުވެ، އޭނާ ވަނީ ކޮންކާކަޕް ގޯލްޑް ކަޕާއި ކޮންކާކަޕް ނޭޝަންސް ލީގުގެ ފައިނަލަށް މެކްސިކޯ ގެންގޮސްދީފައެވެ. ނަމަވެސް މި ދެ މުބާރާތުގައި މެކްސިކޯއަށް ލިބުނީ ރަނަރަޕް ކަމެކެވެ. މާޓިނޯގެ ކޯޗުކަމުގައި މިހާތަނަށް މެކްސިކޯއިން ކުޅުނު 61 މެޗުގެ ތެރެއިން 40 މެޗުން ވަނި މޮޅުވެފައެވެ. ބަލިވީ އެންމެ 10 މެޗުންނެވެ. 11 ނެޗުން ވީ އެއްވަރެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި އަހަރުގެ ވޯލްޑް ކަޕުގައި މެކްސިކޯ ލައްވާލީ ގުރޫޕް ސީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ އާޖެންޓިނާ ، ސައުދީ އަރަބިއާ އަދި ޕޯލަންޑްއެވެ. މިއީ މެކްސިކޯއަށް ދެވަނަ ބުރަށް ދުއުމަށް އެހާ ފަސޭހަވާނެ ގުރޫޕެއް ކަމަށް ނުބެލެވެއެވެ. މި ގުރޫޕުގައި އޮތް ޓީމުތަކަށް ބަލާއިރު، މެކްސިކޯއަށް ދެވަނަ ބުރަށް ދިއުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.