ދަނޑުވެރިކަން ކުރުމަށް ހދ. ހަނިމާދޫއިން ފަސް އަހަރުގެ މުއްދަތަށް ދަނޑުބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ ހަނިމާދޫގެ ލޭންޑްޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ޚާއްޞަކުރެވި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުން ދަނޑުވެރިކަން ކުރުމަށް 5000 (ފަސްހާސް) އަކަފޫޓުގެ 50 (ފަންސާސް) ބިން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

Ad
rt

އެ އިޢުލާނާއިއެކު ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކުރުމުގެ އުސޫލު ވެސް އެ ކައުންސިލުން ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގައިވާގޮތުން ހަނިމާދޫއިން ފަސް އަހަރުގެ މުއްދަތަށް ދޫކުރާ ދަނޑުބިންތަކުން ފުރަތަމަ އަހަރު އެއްވެސް ކުއްޔެއް ނުނަގާނެއެވެ. ނަމަވެސް ޖެހިގެން އަންނަ ހަތަރު އަހަރުގެ ކޮންމެ މަހަކު 200 (ދުއިސައްތަ ރުފިޔާ) ބިމު ކުލީގެ ގޮތުގައި ކައުންސިލަށް ދައްކަން ޖެހޭނެއެވެ.

އުސޫލް: https://storage.googleapis.com/gazette.gov.mv/docs/iulaan/102499.pdf

ދަނޑުބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 08 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލަށް ފޯމް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/102500.pdf

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އޭރު ހަނިމާދޫގައި އޮތް ކައުންސިލުން، ހަނިމާދޫގައި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިން ފާއިތުވި އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު ހަނިމާދޫ ކައުންސިލުން ދަނޑުވެރިންނަށް ހުސްކުރަން އެންގީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ހަނިމާދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް ނޮދަން އޭރިޔާގެ ހެޑްކުއާޓާ އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް އެ ބިންތައް އަރާތީއެވެ. އެއަށްފަހު ފާއިތުވެގެންމިދި އަހަރަކަށްވުރެ ގިނަ ދުވަހު ހަނިމާދޫގެ ދަނޑުވެރިންނަށް ދަނޑުބިން ދޫކޮށްފައިނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަނޑުބިން ދޫނުކުރެވި ލަސްވެގެން ގޮސްފައި ވަނީ ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭން އޭރު ނުނިމި އޮތުމުންނެވެ.