ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ތަރައްގީކުރި އައު ރަންވޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ.

އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

Ad
rt

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއޭސީއެލްގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޝިން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޖައްސާފައި ވަނީ ދުބާއީން ރާއްޖެ އައި އެމިރޭޓްސްގެ ބޯޓެކެވެ.

މި ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާއިރު، މިހައިތަނަށް ބޭނުންކުރަމުން އައި ރަންވޭ މިހާރުވަނީ ބަންދުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކުރި އައު ރަންވޭ އެޅުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީ ކުންފުނިން ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ. އަދި އެ މަސައްކަތް 2018 ވަނަ އަހަރު ރަންވޭގެ މަސައްކަތް ނިންމައި އެ އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ.

އެއަރބަސް މަރުކާގެ އެންމެ ބޮޑެތި A380 ބޯޓަށް ވެސް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އައު ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއަށް ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު ނުވަތަ 5.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މި ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުރެއެވެ.

މިއަދު އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށުމަށްޓަކައި ރޭ މެންދަމު 12 އިން ފެށިގެން ކުރީގެ ރަންވޭ ވަނީ ބޭނުންކުރުން ހުއްޓާލާފަ އެވެ. ކުރީގެ ރަންވޭއަށް އެންމެފަހުން ޖައްސާފައިވަނީ ޓާކިޝް އެއާލައިނުގެ ބޯޓެކެވެ. ކުރީގެ ރަންވޭ ބޭނުންކުރުން ހުއްޓާލާފައިމިވަނީ އެ ރަންވޭ ބޭނުންކުރާތާ ގާތްގަނޑަކަށް 60 އަހަރު ފަހުން ނެވެ.

ކުރީގެ ރަންވޭ އެންމެ ފުރަތަމަ އަޅާފައިވަނީ 1966 ވަނަ އަހަރު ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. ދިވެހީންގެ މަސައްކަތުން އޭރު ރަންވޭ ހަދާފައިވަނީ ދަގަނޑުފިލާ ބޭނުންކޮށްގެންނެވެ. ނަމަވެސް ފަހުން މި ރަންވޭއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިހާރު ފެންނަގޮތަށް ތާރު އަޅައިގެން ރަންވޭ ތަރައްގީކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.