ނ. ވެލިދޫ، އިވްނިންގ ފްލާވަރ، އަލްފާޟިލާ ނަފީސާ އަބޫބަކުރަކީ ސަލާމެއް، ޗުއްޓީއެއް ނުނަންގަވައި ޓީޗިންގ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެއް ގިނަދުވަސް ވެފައިވާ ނަމޫނާ މުދައްރިސެކެވެ.

2021 ވަނަ އަހަރު ނަފީސާ މިސް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލްކުރައްވާފަ އެވެ.

Ad
rt

ނަފީސާ އަބޫބަކުރު، ތައުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ފުރަތަމަ އަދާކުރެއްވީ، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއެވެ.

1986 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު، ޚިދުމަތް ކުރައްވަން ފެށްޓެވީ، ނ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އެއިރުން ފެށިގެން ކޮންމެ އަހަރަކުވެސް ކްލާސް ޓީޗަރުކަމާއި، ކްލަބުތަކާއި ހައުސްތަކުގެ އިންޗާޖްކަން ކުރައްވައިފައިވާ އަދި ސްކޫލްގެ ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

ހަމައެއާއެކު، ޚިދުމަތުގެ މި ދިގު މުއްދަތުގައި، ސަލާމެއް، ޗުއްޓީއެއް ނުނަންގަވައި، ގިނަ އަހަރުތަކެއްގައި ސްކޫލަށް ހާޒިރުވެވަޑައިގެންފައިވާ ބޭފުޅެއްވެސް މެއެވެ. މިކަން ފާހަގަކުރުމުގެ ގޮތުން، އެފަދަ މުވައްޒަފުންނަށް ނ.އަތޮޅު ތަޢުލީމީ މަރުކަޒުން ދެއްވާ ހާޒިރީ އެވޯޑް (100 ޕަސެންޓް)، ގިނަ އަހަރުތަކެއްގައި ނަފީސާ ހާސިލު ކުރައްވައިފައި ވެއެވެ.

މިއީ މިއަދުގެ ޖީލުތަކަށް ހުރި ނަމޫނާއެކެވެ. ނަފީސާ މިސްގެ މި ނަމޫނާއިން މިއަދުގެ ޒުވާނުން އިބުރަތް ހާސިލްކުރަން ޖެހެއެވެ.

ނ.އަތޮޅު ތަޢުލީމީ މަރުކަޒުން ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ތަޢުލީމީ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ނަފީސާ ވަނީ ކުރައްވައިފައެވެ. ނަފީސާ އަބޫބަކުރު ވަނީ ޚިދުމަތުގައި ދެމިހުންނަވައިގެން، މި ރޮނގުން މަތީ ތަޢުލީމުވެސް ހާސިލު ކުރައްވައިފައެވެ. އެގޮތުން، ޓީޗިންގގެ ރޮނގުން ޑިޕްލޮމާ ހާސިލު ކުރެއްވުމަށްފަހު، މިހާރުވަނީ ބެޗްލަރސް ޑިގްރީވެސް ހާސިލު ކުރައްވައިފައެވެ. ހަމައެއާއެކު، ކިޔަވައިދިނުމާ ގުޅޭ ތަފާތު އެކިއެކި ތަމްރީނު ޕްރޮގްރާމްތައްވެސް ވަނީ ފުރިހަމަކުރައްވައިފައެވެ.

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޅަފަތުގެ ދުވަސްވަރުގައި އުނގަންނައިދިނުމަށް ދަތި އުނދަގޫ ކަންތައްތަކެއް ހުރިއިރުވެސް، ސްކޫލް ފަޚުރުވެރިވާ ކާމިޔާބީތަކެއް، ސްކޫލްގެ ދަރިވަރުންނަށް ހާސިލުކޮށްދެއްވުމަށްޓަކައި ނަފީސާ އަބޫބަކުރު ޒިންމާދާރުކަމާއެކު ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ.

މަރުކަޒުގެ ޅަފަތުގެ ދައުރުގައި އުފެއްދި ޚާއްޞަ ކްލާސްތަކުގައި ތިބި ލިޔަންކިޔަން ނުދަންނަ ދަރިވަރުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ އިތުރުން، ދަރިވަރުން އަދަބީ ރޮނގުންނާއި، އިޖުތިމާޢީ ރޮނގުން ކުރިއަށް ގެންދެވުމަށްވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.

ވަކިން ޚާއްޞަކޮށް، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނާއެކު ރަސްމީ ކްލާސްތަކުގައި ނަފީސާ ކިޔަވައިދެއްވައިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ރަށުގައި ބޮޑެތި މީހުންނަށް ހިންގި އަސާސީ ތަޢުލީމުގެ ކްލާސްތަކުގައި، އެއްވެސް އުޖޫރައެއްނެތި ނަފީސާ ވަނީ ކިޔަވައިދެއްވައިފައެވެ.