ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނު ހޭދަވެގެން ދިޔައިރު، އެ ބައި ގަރުނު ނިމިގެން ދިޔައީ ޓޫރިޒަމް ނެތް ހދ.ގެ ގޮތުގައި ކަމަށާއި އަދި އެ އުއްމީދުގައި އިތުރުވި މާޔޫސްކަމުގައި ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު 50 އަހަރު ފުރޭނެއެވެ. ސަރުކާރުން ވަނީ މި ސިނާއަތުގެ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މި ދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ފަތުރުވެރިކަމުގެ "އެޕްރިސިއޭޝަން ރިސެޕްޝަން" ބާއްވާފައެވެ. އަދި މި ޙަފްލާގައި ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" ގެ ގޮތުގައި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
މިހަފްލާގައި އެވޯޑް ހާސިލް ކުރެއްވި ބޭފުޅުންނަށް މަރުޙަބާކިޔައި، މެންބަރު ރާޢީ ކުރެއްވި ޓްވީޓެއްގައި ވަނީ ބައި ގަރުނު ހޭދަވިއިރު ވެސް އޭނާ ނިސްބަތްވާ ހދ. އަތޮޅުގައި އެދެވޭ ގޮތެއްގައި އެ ސިނާއަތު ފުޅާކުރެވި، އަތޮޅުގެ ރައްޔިތުންނަށް އެކަށޭނަ މަންފާ ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީނުވެ އޮތުމުން ކުރިން ބޭނުން ކުރަމުން އައި ''ޓޫރިޒަމް ނެތް ހދ.'' މި ބަސް ބޭނުން ކުރައްވައި، އަދި ވެސް އަތޮޅުގެ ރައްޔިތުން ތިބީ އުންމީދުގައި މާޔޫސް ކަމާއެކުގައި ކަމަށް ވިދާޅުވެފަ ވެއެވެ.
''ބައި ގަރުނު ނިމިގެން ދިޔައީ ޓޫރިޒަމު ނެތް ހދ. ގެ ގޮތުގައި، އެ އުއްމީދުގައި އިތުރުވި މާޔޫސްކަމުގައި'' ރާޢީ ވިދާޅުވެފަ ވެއެވެ.
ހދ. އަތޮޅުގައި މިހާތަނަށް ހިންގަންފެށިފައި ވަނީ އެންމެ ރިސޯޓެކެވެ. ހަވާލުކުރެވުނާ 12 ވަރަކަށް އަހަރުފަހުން 56 ހެކްޓަރުގެ ބިޔަ، ހދ. ހޮނޑާފުށީގައި ތަރައްގީކުރި ރިސޯޓް 18 މާރިޗް 2018ގައި ހުޅުވިނަމަވެސް، އެ ރިސޯޓަކީ މަދު ކޮޓަރިތަކަކާއެކު، އަތޮޅުގެ ރައްޔިތުންނަށް ހަނި ވަޒީފާގެ ފުރުސަތުތަކަކާއެކު ހުޅުވައި ހިންގަންފެށި ރިސޯޓެކެވެ. އެ ރިސޯޓާއިއެކު އަދި ހދ. ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ނުޖެހޭކަމަށް އެ އަތޮޅު ރައްޔިތުން އަންނަނީ ބުނަމުންނެވެ. އެ ރިސޯޓް ހުޅުވީ 80 ކޮޓަރިއާ އެކު އެވެ. މާލެއިން އުތުރުގައި އޮތް އެންމެ ހިތްގައިމު އެއް ރަށުގެ ގޮތުގައި ފާހަގަކުރެވޭ ހޮނޑާފުށީގައި ޖުމްލަ 400 ކޮޓަރި ހަދާ ގޮތަށް ވަނީ ޕްލޭންކޮށްފައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!