ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރެވި، އެ އަތޮޅުރައްޔިތުން އަނބިދަރިންނާއި ގާތުގައިތިބެ ވަޒީފާ އަދާކުރެވޭނެ ދުވަހެއްފެނި، ފަތުރުވެރިކަމުގެ ނަފާ ހދ. ރައްޔިތުންގެ ޖީބުތަކަށް ސީދާ ގޮތެއްގައި ވަނުމަކީ ހދ. ރައްޔިތުންގެ ޒަމާންވީ ކުލަނުވެއޮތް ހަގީގަތެކޭ ދެއްނެވުން ދޮގަކަށްނުވާނެއެވެ.

ހަވާލުކުރެވުނާ 12 ވަރަކަށް އަހަރުފަހުން 56 ހެކްޓަރުގެ ބިޔަ، ހދ. ހޮނޑާފުށީގައި ތަރައްގީކުރި ރިސޯޓް 18 މާރިޗް 2018ގައި ހުޅުވިނަމަވެސް، އެ ރިސޯޓަކީ މަދު ކޮޓަރިތަކަކާއެކު، އަތޮޅުގެ ރައްޔިތުންނަށް ހަނި ވަޒީފާގެ ފުރުސަތުތަކަކާއެކު ހުޅުވައި ހިންގަންފެށި ރިސޯޓެކެވެ. އެ ރިސޯޓާއިއެކު އަދި ހދ. ރައްޔިތުންގެ އުންމީދުތަކުގައި ކުލައެއް ނުޖެހެއެވެ. އެ އުންމީދަށް ދިރުން ލިބެން އޮތީ، އެ ރިސޯޓު ތަރައްގީކޮށް ފުރިހަމަވެ، ހދ. ރައްޔިތުންނަށް ފުރުސަތުތައް ހުޅުވާލެވިގެންނެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވިޔަފާރި ކުންފުނި ތްރީއޭ އިން ތަރައްގީކުރި އެ ރިސޯޓް ހުޅުވީ 80 ކޮޓަރިއާ އެކު އެވެ. މާލެއިން އުތުރުގައި އޮތް އެންމެ ހިތްގައިމު އެއް ރަށުގެ ގޮތުގައި ފާހަގަކުރެވޭ ހޮނޑާފުށީގައި ޖުމްލަ 400 ކޮޓަރި ހަދާ ގޮތަށް ވަނީ ޕްލޭންކޮށްފައެވެ.

ހދ.ގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އަނެއް ރަށަކީ ނާގޯށީގައި ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ރިސޯޓެވެ. ހޮނޑާފުއްޓާއެކުހެން 2007 ވަނަ އަހަރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދޫކުރިއެރަށް ފިނިހަކަ ދުވެލީގައި ފިރުކެމުންގޮސް 14 އަހަރުން ނިމިފައި ވަނީ 37 ޕަސެންންޓްގެ މަސައްކަތެެވެ. 600 އެނދުގެ އެ ރިސޯޓުގެ މަސައްކަތް ނުފެށި ފަހަތަށްދާ ކޮންމެ ދުވަހަކީ ހދ. ރައްޔިތުން މާޔޫސްވާ ދުވަހެކެވެ.

ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތް ''އަންނަ އަހަރުގެ ކުރީ ކޮޅުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް'' މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވިދާޅުވީ 6 އޮކްޓޯބަރު 2020 ވަނަ ދުވަހުރެއެވެ. ނަމަވެސް މިއަހަރުގެ މާރިޗްމަސް ރާސްލާފައި ފައިބައިގެންދާއިރުވެސް އެކަމަށް މާބޮޑު ހިލަމެއް އަދި ނުވެއެވެ.

މިކަންބޮޑުވުންތަކަށް ހައްލެއް ގެނުވާނެ ފުރުސަތު އާ ސަރުކާރަކަށްލިބި، ދެ އަހަރާއިބައި ވެގެން ދިޔައިރުވެސް އުންމީދު އާލާވާނެ މަންޒަރެއް ނުފެނުމީ ރައްޔިތުންގެ ކަންބޮޑުވުމެކެެވެ.

އެކަންބޮޑުވުމުގައި ބައިވެރިވެ، ހދ. ގެ މަކުނުދޫ ދާއިރާ ތަމްސީލްކުރަށްވާ، ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރު މުޙައްމަދު ރާއީ މިވަނީ ނާގޯށީގެ މަސައްކަތް އަވަސްކޮށް ދިނުމަށްއެދި ސަރުކާރަށް އާދޭސް ދައްނަވާފައެވެ.

''ހދ. ގައި ރިސޯޓް އެޅިގެންދާނެ ކަމުގެ ވަރަށް ފޮނި އުއްމީދު ކުރީގެ މިނިސްޓަރގެ ވާހަކަފުޅު ތަކުންނާއި އެކަމަށް އަޅުގަނޑުމެންނާއި އެކު ކުރެވެމުންދިޔަ މަސައްކަތް ތަކުން ފެނުނު،ނަމަވެސް އަދި މިވީހާ ތަނަށް އަލަށް ވަޑައިގެންނެވި މިނިސްޓަރގެ ޝައުގުވެރިކަން އެކަމަށް ދެއްވާ ތަނެއް ނުފެނޭ''- ރާޢީ ވިދާޅުވިއެވެ.

''މިނިސްޓަރ މައުސޫމް ތިޔަހެން ނަހައްދަވާ، އާދޭހާއި އެކު ދަންނަވަން''- ރާޢީ އިތުރަށް ވިދާޅުވިއެވެ.

އެއީ ހދ.ގެ 28 ހާސް ރައްޔިތުންގެވެސް އާދޭހެވެ. އަަހަރެމެން ހިތްތަކުގައި އޮތްސުވާލަކީ ފަތުރުވެރިކަމުގެ ހަގީގީނަފާ އަހަރެމެންގެ ޖީބަށް ވަންނަންފަށާނީ ކޮންދުވަހަކުން ހެއްޔެވެ؟

ދިއްލެމުންދިޔަ އުންމީދުގެ ހުޅުކޮޅުން ތަންކޮޅުކޮޅު

''1 ހަފްތާ ތެރޭގައި ހދ އިން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިއުލާންކުރާނެ: އަލީ ވަހީދު'' 17 ނޮވެމްބަރު 2019 (ތިލަދުން)

ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ހދ އަތޮޅުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަލީ ވަހީދު ވިދާޅުވީ މިސަރުކާރު އައީ ރާއްޖޭގައި 35000 ޓޫރިސްޓް އެނދު ތަރައްޤީ ކުރުމުގެ ވައުދާއިއެކު ކަމަށާއި މިސަރުކާރުން އެންމެ ފުރަތަމަ ޓޫރިޒަމަށް ނެރޭނެ ރަށްތައް މިހާރު ކަނޑައެޅިފައި ވާކަމަށެވެ.

''ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައިފި'' 17 ޑިސެމްބަރު 2019، (ތިލަދުން)

ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައިފި އެވެ. މިރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި "ބުރެބި" ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ.

ހދ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ ގޮތުގައި އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި ހިމެނެނީ،

  • ހދ ހޮނޑައިދޫ (10.9 ހެކްޓަރު) 50 އެނދު - މިވަގުތު އޮތީ އެހެން މިނިސްޓްރީއެއްގެ ދަށުގައި ހަނިމާދޫ އިން 10 މިނެޓް
  • ހދ. ކުޑަފަރު ފަސްގަނޑު (ހެކްޓަރު) ހަނިމާދޫ އިން 30 މިނެޓް
  • ހދ ވައިކަރަ މުރައިދޫ (15 ހެކްޓަރު ޓޫރިޒަމް ޒޯންގޮތުގައި ކަނޑައެޅުން) 436 އެނދު - ދަނޑުވެރިކަން މިހާރުވެސް ކުރަމުންދާރަށެއް
  • ފަތުރުވެރިކަމަށް އަލަށް ދޫކުރާ ބިންތަކުގެ ތެރޭގައި، ހދ ނޮޅިވަރަންފަރު

''ހއ، ހދ މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އާއި ޓުރިޒަމް މިނިސްޓަރަށް''، 18 ޑިސެމްބަރު 2019 (ތިލަދުން)

ހއ އަތޮޅާއި ހދ އަތޮޅުގެ މަޖިލިސް މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށާއި ޓުރިޒަމް މިނިސްޓަރ އަލީ ވަހީދުއަށް ދަންނަވައިފިއެވެ. ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައި ރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި ”ބުރެބި“ ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވުމާއި ގުޅިގެން ބަޔެއް މެންބަރުން ވަނީ މިކަމާއި ގުޅިގެން ޝުޢޫރު ފާޅުކޮށްފައެވެ.

''އަންނަމަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރަނީ'' 28 ސެޕްޓެމްބަރު 2019 (ތިލަދުން)

އަންނަ މަހުގެ 3 ވަނަ ދުވަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާން ކުރަނާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިހެން ވިދާޅުވީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

''މާލެ އޭރިއާއިން ދެން ރިސޯޓެއް ނުހަދާނެ، އިސްކަން ދޭނީ ހދ އަތޮޅު ފަދަ މާލެއާ ދުރު އަތޮޅުތަކަށް: އަލީ ވަހީދު'' 26 ފެބްރުއަރީ 2020 (ތިލަދުން)

''ސަރުކާރުގެ ޢަމާޒަކީވެސް މާލެ ޞަރަަޙައްދުން އިތުރަށް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ފަޅެއް ވިޔަސް ދޫނުކުރުން ކަމަށާއި ސަރުކާރު ޢަމާޒު ހިފާފައިވަނީ ރިސޯޓްތައް މަދު މާލެއާ ދުރު އަތޮޅުތަކުގައި ވެސް ރިސޯޓުތައް ތަރައްޤީ ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކ. ތުލުސްދޫގައި އިއްޔެ ބޭއްވި "ކޮރަލް ފެސްޓިވަލް ޕެނަލް" ގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓްތައް ހުރީ މާލެއާއި މާލެ ކައިރި އަތޮޅުތަކުގައި ކަމަށާއި، ހދ އަތޮޅު ފަދަ މާލެއާ ދުރު އަތޮޅުތަކަށް ދިޔުމުން، އެ އަތޮޅުގައި ރިސޯޓުތައް ނެތުމުން އެ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ.''

''ހދ ނާގޯށި އަލުން އެމްޓީޑީސީއާއި ހަވާލުކޮށް "އަންނަ އަހަރު" މަސައްކަތްފަށަނީ''، 4 އޮކްޓޯބަރު 2019 (ތިލަދުން)

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ހދ. ނާގޯށި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ތަޒްމީލް އަބުދުއްޞަމަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން އެނބޫދޫ ފަޅުގައި މިރޭ ބޭއްވި "ގާލާ ނައިޓް" ގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ އެމްޑީ ތަޒްމީލް ވިދާޅުވީ ނާގޯށި އެމްޓީޑީސީ އަށް ދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށާއި އަދި އެ ރަށް ދިނުމާއެކު ބޭރުގެ އިންވެސްޓްރަކާއެކު ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް "އަންނަ އަހަރުގެ" ތެރޭގައި ފެށޭނެ: އެމްޓީޑީސީ، 7 އޮކްޓޯބަރު 2020 (ތިލަދުން)

ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ވިދާޅުވެއްޖެއެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނެވެ.

އަނބިން، ދަރީން ކައިރިއަށް ''އޮފް ޑޭ'' އަށް، ދިޔުމަށް އަދި 6 ސެޕްޓެމްބަރު 2020 ވަނަ ދުވަހު މަޖިލިސްއިން ފާސްކޮށް، ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާޙުން ޤާނޫނުން ފަހިކޮށްދިން ''ރިސޯޓު މުވައްޒަފުންނަށް ނައިޓަށް ދެވޭ'' އިސްލާޙްގެ ފޮނި މީރުކަމުން ވެސް ހދ. ގެ ރައްޔިތުން މިވަނީ މަޙްރޫމް ވެފައެވެ.

ފަތުރުވެރިކަން އޮތް އަތޮޅުތަކުގައި ހުރި ތިޔާގި ކަމާއި، ލިބޭ އިޖުތިމާއީ އެހީތެރިކަމާއި އަދި މިނޫންވެސް ފުރުޞަތުތަކުން ހދ. ރައްޔިތުން މިވަނީ މިއަދާއި ހަމައަށްވެސް މަހްރޫމް ވެފައެވެ.

ހދ. އަތޮޅަކީ 28 ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ، އެ އަތޮޅެއްގެ ނިސްބަތުން އެންމެ ގިނަ މީހުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެއް އަތޮޅެވެ.

ހދ. އަތޮޅު ރައްޔިތުން މި ސަރުކާރާމެދު ކުރާ އުންމީދު އަދި ދުލެއް ނުކުރެއެވެ. ބާކީ، 3 އަހަރު އަދި އެބަ އޮތެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީވެގެން ދަނީ ސަރަޙައްދުގެ 8000 އެނދު ތަރައްޤީ ކުރުމުގެ ޕްލޭނާއެކު ކަމަށް ކިޔާތީ އަދި އެ އުންމީދު އައުވާލެއް ބޮޑެވެ. އަންނަމަހާއި އަންނަ ހަފްތާ ނިމި ދެން ކުރާން ޖެހުނު އިންތިޒާރެއްވެސް ކުރާނީ އެވެ.