ހދ. ކުމުންދޫ އާއި ނޭކުރެންދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސް ރޫމުތަކުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.
މެމްބަރު ރާއީ ސުވާލު ކުރެއްވީ މިއަހަރަކީ ކުމުންދޫ ސްކޫލަށް 75 އަހަރު ފުރޭ އަހަރުކަމަށްވާއިރު، އެކަން ފާހަގަކުރުމުގެ ތައްޔާރީތައްވަމުން އަންނައިރު، އެ ސްކޫލުގައި އިމާރާތް ކުރާ 12 ކްލާސް ރޫމުގެ މަސައްކަތް ނިމޭނެތޯ އާއި ނޭކުރެންދޫ ސްކޫލު ގައި އިމާރާތްކުރާ 4 ކްލާސް ރޫމުގެ މަސައްކަތް ހިނގަމުންދާ ގޮތް އޮޅުން ފިލުއްވުމަށެވެ.
މީގެ އިތުރުން ކުމުންދޫ ސްކޫލުގެ ކްލާސް ރޫމުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެތަނުގެ ފޮޓޯތައް މިނިސްޓަރާ ހިއްސާ ކުރައްވާފައިކަން ވެސް މެމްބަރު ރާއީ ވަނީ ވިދާޅުވެފަ އެވެ.
ކުމުންދޫ ސްކޫލާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތުު އަލީ ވިދާޅުވީ ކުމުންދޫ ސްކޫލަށް އިތުރުކުރާ 12 ކްލާސް ރޫމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި އެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި އެ މަސައްކަތް ނިމޭނެކަމަށް ލަފާ ކުރައްވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ގައި ކަމަށެވެ.
ނޭކުރެންދޫ ސްކޫލާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އެ ސްކޫލުގައި އިމާރާތްކުރާ 4 ކްލާސް ރޫމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށެވެ. އަދި އެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ މާރޗު މަހުގެ 27 ގައި ކަމަށާއި އެ މަސައްކަތް ނިމޭނެ ކަމަށް އަންދާޒާ ކުރަނީ އޮކްޓޯބަރ މަހު ކަމަށެވެ.
ކުމުންދޫ ސްކޫލްގެ 12 ކްލާސްރޫމްގެ އައު އިމާރަތް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. ފައިބެއަހަރުގެ ޑިސެމްބަރ 22 ގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މި މަސައްކަތް އެ ކުންފުނިން ހަވާލުވެފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަކަށެވެ.
މި މަސައްކަތް އެކުންފުންޔާއި ހަވާލުކޮށްފައިވަނީ 12,616,224.72 (ބާރަ މިލިއަން ހަލައްކަ ސޯޅަހާސް ދުއިސައްތަ ސައުވީސް ރުފިޔާ ހަތްދިހަ ދެ ލާރި) އަށެވެ.
ކުމުންދޫ ސުކޫލު ގައި 12 ކުލާސްރޫމްގެ އައު އިމާރާތެއް އަޅުއްވާނެ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެފައި ވަނީ މި އަހަރު އޮގަސްޓްމަހު އެސުކޫލަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ނޭކުރެންދޫ ސްކޫލްގައި ހަތަރު ކްލާސްރޫމް އިމާރާތް ކުރުމަށް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 18 ވަނަ ދުވަހު އެވެ. 140 ދުވަހުގެ ތެރޭގައި ނިންމަން މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 4,708,302.70 (ހަތަރުމިލިއަން ހަތްލައްކަ އަށްހާސް ތިންސަތޭކަ ދެ ރުފިޔާ ހަތްދިހަ ލާރި) ރުފިޔާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!