ހދ. ނައިވާދޫ ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާފައިވަނީ އެމަނިކުފާނު ތިލަދުންމަތީގެ ހަތަރު ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނެވެ.

Ad
rt

ސާސޭ ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ނިމުމާއެކު އެރަށުގެ 198 ގޭބީސީ އަށް މިހާރުއަންނަނީ ސާފުބޯފެން ފޯރުކޮށްދެމުން ނެވެ.

މީގެ އިތުރުން ފުރާޅުން ނަގާ ފެން ފިލްޓަރކުރެވިގެން އެރަށު ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތު އެރަށުގެ ރައްޔިތުންނަށް މިހާރުވަނީ ފަހިވެފަ އެވެ.

އޮކްޓޫބަރު 2019 ގައި ފެށުނު އެ މަސައްކަތް އެ ކުންފުނިން ނިންމީ މިދިޔަ ޖޫން މަހުގަ އެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 15,398,304.77 ރުފިޔާ އެވެ.

އެ މަސައްކަތުގެ ދަށުން ދުވާލަކު 40 ޓަނުގެ ފެން އުފައްދާ އާރްއޯ ދެ ޕްލާންޓާއި 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުމާއި ފެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާންގީ އަދި ވާރޭފެން ރައްކާ ކުރުމަށް 150 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފަ އެވެ.

އެރަށުގެ ތަރައްގީއަށް ކުރަމުން އަންނަ އިތުރު މަސައްކަތްތަކަށް ބަލާއިރު، ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ވެސް އަންނަނީ ކުރިއަށް ގެންދަމުން ނެވެ. އަދި ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމާއި ރަށްގިރާ މައްސަލައަށް ހައްލު ގެނައުމާއި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި ބަނދަރު ބޮޑުކުރުން ވެސް ހިމެނެ އެވެ.

ރަށަށް ބޭނުންވާ އިތުރު ގިނަ ކަންކަން ހުރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާހަގަކުރައްވާފަ އެވެ. މިދައުރުގައި ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފަށައި ނިންމާލެވޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.