މިއަންމާ ސަރުކާރުން ރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޔޫ އޯ ތުއޭންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.
އޭނާ މަރާލީ އެ ގައުމުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމަށްވާ ޔަންގޮންގައި ހުންނަ އަމިއްލަ ގޭގައި ހުއްޓަ އެވެ. އޯތުއޭންއަށް ހަމަލާދީ މަރާލުމުގެ ޒިންމާ އެ ގައުމުގެ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތެއް ކަމަށްވާ އިންޔާ އާބަން ފޯސްއިން ވަނީ ނަގާފައިވެ އެވެ.
އޯތުއޭން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިއަންމާ ސަފީރުކަން އަދާ ކުރެއްވީ 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެވެ. ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް ސައުތް އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު އޯތުއޭން އަދާ ކުރެއްވި އެވެ.
އޭނާ ގޭގެ އަވައްޓެރިންނާއި ހަވާލާދީ ބައިނަލްއަގުވާމީ ނޫސް އެޖެންސީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަރާލީ ބޮލަށް ބަޑި ޖަހައި އެވެ. އެ ހަމަލާ ދިނުމަށް އެގެއަށް ދިޔައީ ދެމީހުން ކަމަށާއި ބަޑި ޖެހީ އޯތުއޭން ގޭ ދޮރު ހުޅުވާލި ވަގުތު ކަމަށެވެ.
އުމުރުން 72 އަހަރުގެ އޯތުއޭންގެ އިތުރުން އޭނާގެ ދަނބިދަރިފުޅުވެސް މަރާލާފައިވެ އެވެ. ދަނބިދަރިފުޅު މަރާލީ ހަމަލާ ދޭން ދިޔަ ދެމީހުންނަށް ހުރަސްއަޅައި ދެކޮޅަށް ވާހަކަ ދެއްކުމުން ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.
އޭނާ އާއި ދަނބިދަރިފުޅަކީ ކުރިން މިއަންމާ އަސްކަރިއްޔާގައި އިސް މަގާމުތަކެއް އަދާކޮށްފައިވާ ބައެކެވެ.
މި ހަމަލާއަށް ފަހު އިންޔާ އާބަން އިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ އާދިއްތަ ދުވަހަށް އެމީހުން ކަނޑައެޅި މިޝަން ކާމިޔާބުވީ ކަމަށެވެ. އެ ޖަމާއަތުން އޯތުއޭންއަށް ހަމަލާދިނީ އަސްކަރިއްޔާއަށް ވާގިވެރިވެ ތާއީދުކޮށް ވާހަކަ ދައްކާތީ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއަންމާ އަސްކަރިއްޔާއިން އާންމު ރައްޔިތުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގައި މީހުން ހައްޔަރު ކުރުމަށް ގޮވާލާ އޯތުއޭން ވާހަކަދައްކާފައިވެ އެވެ. އަދި އޭނާ އަކީ މިއަންމާގައި ކުރިން އޮތް އަން ސަން ސޫޗީގެ ޑިމޮކްރަޓިކް ވެރިކަން ވައްޓާލުމަށް އަސްކަރިއްޔާގެ ތެރޭގައި ހުރެގެން ލަފާދިން އެކަކެވެ.
އެ ޖަމާއަތުން މިއަންމާ އަސްކަރިއްޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަނީ އެ ގައުމުގެ ޑިމޮކްރަޓިކް ވެރިކަން ބަގާވާތަކުން ވައްޓާލުމުންނެވެ. ސޫޗީގެ ވެރިކަން ބަގާވާތް ކޮށްގެން އަސްކަރިއްޔާއިން ވައްޓާލީ މިދިޔަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.
ވެރިކަން ވައްޓާލުމަށް ފަހު ސޫޗީ ހައްޔަރުކޮށް ބޮޑެތި ދައުވާތަކެއް ކޮށް، މިހާރުވެސް ވަނީ ފަސް އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ކޮށްފައި އެވެ. އަދި އިތުރު ދައުވާތަކެއް އޭނާ އާއި ދެކޮޅަށް އުފުލުމަށް ދަނީ ތައްޔާރުވަމުންނެވެ.
އަސްކަރިއްޔާގެ ވެރިކަމާއި ދެކޮޅު ހަދާ މިއަންމާގެ 2،000 އަށްވުރެ ގިނަ އާންމު ރައްޔިތުން އެ ގައުމުގެ ޖަލުތަކުގައި އެބަތިއްބެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!