އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާގެ ދަތުރު އެ ޖަމިއްޔާއިން މިއަދު ހއ. އިހަވަންދޫއަށް ކޮށްފިއެވެ.

މި ދަތުރުގައި އެ ޖަމިއްޔާއިން ހަނިމާދޫގައި ހިންގަމުން އަންނަ ސަޢާދާ ޕްރީސްކޫލުގެ ހަތަރު މުދައްރިސުންނާއި އެ ސްކޫލުގެ ޕީޓީއޭ ހަތް މެމްބަރުންގެ އިތުރުން ޖަމިއްޔާގެ ހަ މެމްބަރުންނާއިއެކު ޖުމްލަ 17 މީހުން ވަނީ ބައިވެރިވެފައެވެ.

Ad
rt

މި ދަތުރުގައި އިހަވަންދޫގައި ގައި ފަށާ ތަޢުލީމް ފޯރުކޮށް ދިނުމުގެ ގޮތުން އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ވަފާ ޕްރީސްކޫލުގެ މެނޭޖްމެންޓާއި މުދައްރިސުންނާއި ބައްދަލުކޮށް ތަޖުރިބާ ހޯދުމުގެ ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއި ބައްދަލުކޮށް ދެ ފަރާތުގެ ތަޖުރިބާ ހިއްސާކުރުމުގެ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމު އިހަވަންދޫ ވަފާ ޕްރީސްކޫލަށް މިއަދު ކުރި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ

މި ދަތުރުގައި އިހަވަންދޫ އިމަގު ޖަމިއްޔާއިން ކީ މަރުހަބާއާއި ބެހެއްޓި ގާތްކަން ފާހަގަކޮށް އެ ފަރާތަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ބައްދަލު ކޮށްލާ ހިޔާލު ބަދަލު ކޮށްލުމަށް ވަފާ ޕްރީ ސްކޫލުގެ ފަރާތުން ދެއްވި އެއްބާރުލުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގައި ހިމެނޭ ބެލެނިވެރިންގެ ސެޝަން މާދަމާ ރޭ 20:30 އިން 22:00 އަށް ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް އަމާޒު ކޮށްފައި ވަނީ ހަނިމާދޫ ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންގެ ބެލެނިވެރިންނަށެވެ.

އިވަންދޫ އިމަގު އާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއެކު މިއަދު ބޭއްވުނު ތަޖުރިބާ ހިއްސާކުރުމުގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: އިމަގު

އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކުގެ ތެރެއިން މި ދިޔަ ޖުލައި މަހު ވަނީ ފަށާ ތަޢުލީމަށް ޚާއްޞަ ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ޖޫން މަހު ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި އެންލައިޓިން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ) ގުޅިގެން ''އަމިއްލަ ނަފްސަށް އިތުބާރު ކުރުން'' މި މައުލޫގެ ދަށުން ވޯކްޝޮޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ހަނިމާދޫ ސްކޫލްގެ ގްރޭޑް 9، 10 ގެ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 29 އަހަރު ދުވަހު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އަށް ވަނީ 2015 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ލިބިފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ.

މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ