ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީކޮށި ވިސްނުމެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު ދިވެހި ސިފައިންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ، ރައްޔިތުންގެ އިޙުތިރާމް ލިބިފައިވާ، ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންނަށް ޖަވާބުދާރީވާ އަދި ޑިމޮކްރެޓިކް ނިޒާމަށް އަހުލުވެރިބައެއް ކަމަށެވެ.
ދިމިޤްރާތީ ހަމަޔަކީ، އަސްކަރިއްޔާގެ މައްޗަށް ޤާނޫނީ ސަރުކާރުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އޮތުން ކަމަށާއި، ސަރުކާރަށް ލާޒިމުވަނީ، ސިޔާސީ ނުފޫޒާއި ޣައިރުޤާނޫނީ އަމުރުން ސިފައިން އެއްކިބާކޮށް، ޕްރޮފެޝަނަލް އަދި ޤާބިލް ބައެއްގެ ގޮތުގައި އަސްކަރިއްޔާ ދެމެހެއްޓުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
''ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީކޮށި ވިސްނުމެއް. މުޅި ސަރަހައްދުގެ އަމާންކަމަށް ނޭދެވޭ އަސަރުކުރާ ގޮތަށް ޢަމަލުތައް ބަހައްޓައިގެން ރާއްޖޭގެ ޤައުމީ ސަލާމަތް ކަށަވަރުކުރެވިދާނެކަމަށް ދުށުމަކީ އަވާމެންދުރެއް'' މާރިޔާ ވިދާޅުވެފަވެއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ، މިންތީގެ ހަމަހަމަކަމުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަކީ ބަސް ވިދާޅުވެފައި ނިންމަވާލައްވާ ވެރިއެއްނޫން ކަމަށެވެ. އޭގެ މިސާލެއްގޮތުން ވިދާޅުވީ، އަންހެން ސިފައިންނަށް މަޤާމުގެ ކުރިއެރުން 50 އިންސައްތައަށް އިތުރުވެ، ސިފައިންގެ ބޯޑުތަކާއި ކޮމިޓީތަކުގައި އަންހެނުންގެ ޙިއްސާ 120 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީ 5 އަހަރާ އަޅާބަލާއިރު، މިދިޔަ 3 އަހަރާ ބައިގެ ތެރޭގައި އަންހެނުން ސިފައިންގެ ވަޒީފާއަށް ރެކްރޫޓްކުރެވުނު ނިޞްބަތް 25 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!