ބުދަ ދުވަހު ފީފާއިން އާންމުކުރި ދުނިޔޭގެ ފިރިހެން ފުޓްބޯޅަ ރޭންކިންގައި، ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ބަލިވި ނަމަވެސް އެއްވަނަ ދަމަހައްޓައިފިއެވެ.

މީގެ އިތުރުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޯ-ހޯސްޓްކުރާ މޮރޮކޯ ވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ފަސްވަނައަށް ޖެހިލައި، ރޭންކިންގެ ތާރީޚުގައި އެ ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބީ ހާސިލުކޮށްފައެވެ.

Ad
rt

މެޑްރިޑްގައި މި ހަފުތާގައި އިންގްލެންޑް އަތުން 3-2 އިން ބަލިވެ، ސްޕެއިން ބަލިނުވެ ދެމެހެއްޓި 43 މެޗުގެ ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، އެ ޓީމު އޮތީ ބޮޑު ލީޑަކާއެކު ރޭންކިންގެ އެއްވަނައިގައެވެ. ދެވަނައިގައި އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލުން ބަލިވި އާޖެންޓީނާ އޮތްއިރު، ތިންވަނައިގައި އޮތީ ފްރާންސެވެ. ސްޕެއިން ބަލިކުރި ނަމަވެސް އިންގްލެންޑްގެ މަގާމަށް ބަދަލެއް ނައިސް އޮތީ ހަތަރުވަނައިގައެވެ. މި ހަތަރު ޓީމަކީ ވެސް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ހަތަރު ޓީމެވެ.

ފީފާ ރޭންކިންގެ 34 އަހަރުވީ ތާރީޚުގައި މޮރޮކޯ އަށް ލިބުނު އެންމެ މަތީ ރޭންކިން ކަށަވަރުވީ، 2027 ވަނަ އަހަރު ބާއްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް އަށް ކޮލިފައިވުމަށް ނައިޖާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް އެ ޓީމު މޮޅުވުމާ ގުޅިގެންނެވެ. މޮރޮކޯ ފަސްވަނައަށް ކުރިއަށް ޖެހިލުމުން، ޕޯޗުގަލް އަދި ބްރެޒިލް ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓި ހަވަނަ އަދި ހަތްވަނައަށް ގޮސްފައެވެ.

މޮރޮކޯގެ އިތުރުން ޕޯޗުގަލް އަދި ސްޕެއިނަކީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އެކުގައި ބާއްވާ ގައުމުތަކެވެ. މީގެއިތުރުން، ދެކުނު އެމެރިކާގައި ވޯލްޑް ކަޕްގެ 100 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، 1930 ވަނަ އަހަރު އެންމެ ފުރަތަމަ މުބާރާތް ބޭއްވި އުރުގުއާއީގެ އިތުރުން އާޖެންޓީނާ އަދި ޕެރަގުއާއީގައި ވެސް ކޮންމެ ގައުމެއްގައި އެއް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ރޭންކިންގެ އަށްވަނަ އަދި ނުވަވަނައިގައި ބެލްޖިއަމް އަދި ނެދަލެންޑްސް ބަދަލެއް ނައިސް ދެމިއޮތްއިރު، ކޮލަމްބިއާ ވަނީ އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ގަދަ ދިހައެއްގެ ތެރެއަށް ވަދެފައެވެ. ކޮލަމްބިއާ ކުރިއަށް ޖެހިލުމުން، ކުރިން ދިހަވަނައިގައި އޮތް މެކްސިކޯ ވަނީ ތިން ދަރަޖަ ފަހަތަށް ވެއްޓި 13 ވަނައަށް ގޮސްފައެވެ.

އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މެންޗެސްޓާ ޔުނައިޓެޑާ ގުޅުމުގެ ކުރިން، އޭނާގެ އިރުޝާދުގެ ދަށުން ހައިޓީއާ ދެކޮޅަށް ކުޅުނު ފަހު ދެ މެޗުން މޮޅުވެ އެމެރިކާ ވަނީ 16 ވަނައިގައި މަގާމު ދަމަހައްޓައިފައެވެ. އެމެރިކާ އާއި މެކްސިކޯ ދެން ބައްދަލުކުރާނީ މާޗް 25 ގައި ލޮސް އެންޖެލިސް ކައިރީގައި ހުންނަ ސޯފައި ސްޓޭޑިއަމްގައި ކުޅޭ ކޮންކާކަފް ނޭޝަންސް ލީގުގެ ސެމީ ފައިނަލް މެޗުގައެވެ. މި ރޭންކިންގައި އޭޝިއާގެ އެންމެ ކުރީގައި އޮތް ޓީމަކީ 17 ވަނައިގައި އޮތް ޖަޕާނެވެ.