ރޮކްސްޓާ ގޭމްސްގެ "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީޓީއޭ 6) ރަސްމީކޮށް ނެރުމަށް މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް، ބުދަ ދުވަހު ޕްލޭސްޓޭޝަން ނެޓްވޯކްގެ ބައެއް ޚިދުމަތްތަކަށް ބުރޫއަރައި މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ޕްލޭސްޓޭޝަން ބޭނުންކުރާ ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެ ޕްލެޓްފޯމް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ސޮނީން އެ ކުންފުނީގެ ނެޓްވޯކް ސްޓޭޓަސް ޕޭޖުގައި ޝާއިއުކުރި ނޯޓިހެއްގައި ބުނެފައިވަނީ، ގޭމްތަކާއި އެޕްލިކޭޝަންތައް ހުޅުވުމުގައި ނުވަތަ ނެޓްވޯކްގެ އެކި ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ. "އަޅުގަނޑުމެން މިދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން. ކެތްތެރިކަން އިސްކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރަން،" ސޮނީގެ ބަޔާނުގައި ވެއެވެ.

ނަމަވެސް، ޚިދުމަތްތަކަށް ބުރޫއަރަން މެދުވެރިވި ސީދާ ސަބަބެއް ސޮނީން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައަކީ ގޭމް ނެރުމާ ދިމާކޮށް ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެ، ޓްރެފިކް ބޮޑުވުމާ ގުޅިގެން ދިމާވި ކަމެއް ކަމެއް ވެސް އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ޖީޓީއޭ 6 ނެރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ޓައިމް ޒޯނެއްގެ ވެސް ބުރާސްފަތި ދުވަހުގެ މެންދަމު 12:00 ގައެވެ.

މި ގޭމް ނެރުމުގެ ކުރިން، ސޮނީން ވަނީ އެ ކުންފުނީގެ ޕްލޭސްޓޭޝަން 5 ކޮންސޯލްތަކަށް ކޮންމެހެން އަޅަންޖެހޭ ސިސްޓަމް އަޕްޑޭޓެއް ވެސް ޔޫޒަރުންނަށް ދޫކޮށްފައެވެ.

ޕްލޭސްޓޭޝަންގެ ޚިދުމަތްތަކަށް މި މައްސަލަ ކުރިމަތިވެފައި މިވަނީ، އެމެރިކާގެ މައިގަނޑު ޓެކްނޮލޮޖީ ޕްލެޓްފޯމްތަކަށް ދާދިފަހުން ދިމާވި ސާވިސް މެދުކެނޑުންތަކަކަށް ފަހުގައެވެ. އޭގެ ތެރޭގައި މައިކްރޯސޮފްޓް 365 އާއި، އެޕަލްގެ ޚިދުމަތްތަކުގެ އިތުރުން ބޭންކިންގ ޚިދުމަތްތަކަށް ކުރިމަތިވި މައްސަލަތައް ހިމެނެއެވެ. ފެޑެރަލް އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އެ ހާދިސާތައް މެދުވެރިވީ ސައިބާ ހަމަލާތަކެއްގެ ސަބަބުން ނޫން ކަމަށާއި، އެއީ އާންމުކޮށް ގެންނަ ސޮފްޓްވެއާ އަޕްޑޭޓްތަކާއި ސިސްޓަމްތަކަށް ބާރުބޮޑުވުމުގެ ސަބަބުން ދިމާވި މައްސަލަތަކެކެވެ.