ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން އޭއީކޭ އެތެންސްއާ ދެކޮޅަށް ކުޅުނު މެޗުގައި، އެ މުބާރާތުގެ ތާރީހުގައި 60 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ޖޫޑް ބެލިންހަމް ހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ގޯލެއް ވެސް ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
އުމުރުން 23 އަހަރާއި 128 ދުވަހުގައި މި ޝަރަފުވެރި ރެކޯޑް ބެލިންހަމް ހާސިލުކުރީ، ރެއާލް މެޑްރިޑްގެ ކުރީގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިޔާސްގެ ނަމުގައި ކުރިން އޮތް ރެކޯޑް މުގުރާލުމަށް ފަހުގައެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގައި 50 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތީ އިނގިރޭސި މި މިޑްފީލްޑަރުގެ އަތުގައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ބެލިންހަމް ޖެހި ލަނޑަކީ މާކް ކުކުރެއްޔާ ނަގައިދިން ހުރަހަކުން، ފައިގެ ފުންނާބުން ޖަހައި ކީޕަރު އަލްބާޓޯ ބްރިގްނޯލީ ބަލިކޮށްލުމަށް ފަހު ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. މި ލަނޑާ ގުޅޭގޮތުން ބެލިންހަމް ބުނީ، އެއީ އޭނާގެ ހިއްސުތަކުން އަމިއްލައަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އޭނާއަށް ހުރެވުނީ ރަނގަޅު މަގާމެއްގައި ކަމަށާއި، އެ ވަގުތު ހަމައެކަނި ކުރެވެން އޮތް ގުދުރަތީ ކަމަކީ އެއީ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ބެލިންހަމްގެ މި މޮޅު ކުޅުމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މޮރީނިއޯ ބުނީ، މިއަދުގެ ދުނިޔޭގެ ފުޓްބޯޅައިގައި ހުރިހާ ގޮތަކުން ފުރިހަމަ، ބެލިންހަމް ފަދަ ދެވަނަ މިޑްފީލްޑަރެއް ނެތް ކަމަށެވެ. އަދި އޭނާއަކީ ތަފާތު، އަޖައިބެއް ފަދަ މޮޅު ކުޅުންތެރިއެއް ކަމަށް ވެސް މޮރީނިއޯ ސިފަކުރިއެވެ.
މީގެއިތުރުން މޮރީނިއޯ ފާހަގަކުރި ގޮތުގައި، ބެލިންހަމްގެ ފަރާތުން މޮޅު ކުޅުމެއް ނުފެންނަ ދުވަހެއްގައި ވެސް އޭނާގެ ފަރާތުން ބުރަ މަސައްކަތާއި، ލީޑަޝިޕާއި، ކާމިޔާބީއަށް އޮންނަ ޝައުގުވެރިކަމުގެ އިތުރުން ފެންވަރާއި ލަނޑު ޖެހުމުގެ ގާބިލުކަން އަބަދުވެސް ފެންނާނެއެވެ.
މި މެޗުގައި ރެއާލް މެޑްރިޑުން ވަނީ ދެ ފަހަރެއްގެ މަތިން ފަހަތުން އަރައި، 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމު މޮޅުވި ލަނޑު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ފެޑެރީކޯ ވަލްވާޑޭއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!