އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް، މަތިވެރި ޝަޚުޞިއްޔަތަކީ މިޒަމާނުގެ ކާފަރުންނާއި، ލާދީނީ-ސެކިއުލާ އޮއިވަރުތަކުގެހަމަލާތައް އެއްމެ ބޮޑަށް އަމާޒުވެފައިވާ އެއް އަމާޒެވެ.
އެހެންކަމުން މިބައިމީހުންގެ މިނުބައި ރޭވުމުން އަހަރެމެންގެ ޅަދަރިން ސަލާމަތްކޮށް، އެކުދިންނަކީ އެކަލޭގެފާނަށް އީމާންވާ އަދި އެކަލޭގެފާނު ދެކެ ލޯބިވާ އަދި އެކަލޭގެފާނަކީ ނަމޫނާއެއް ކަމުގައި ބަލާނެ ކުދިބަޔަކު ކަމުގައި ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަ ޖެހެއެވެ. އެގޮތުން ދަރިންގެ ހިތުގައި މާތް ނަބިއްޔާއަށް ލޯބި ޖެއްސުމަށް ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. އޭގެތެރެއިން މުހިންމު ބައެއް ކަންކަން ހިއްސާ ކޮށްލާނަމެވެ.
1. އެކުދިންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ސިފަ ކުރުމުގައި ތަފާތު އުސްލޫބެއް ޚިޔާރު ކުރުން. ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا ﴿٤٥﴾ وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُّنِيرًا ﴿٤٦﴾-(سورة الأحزاب 45-46)
މާނަ: އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަން އިލާހު، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި ﷲގެ ދީނަށް، އެ އިލާހުގެ އަމުރުފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެބައިމީހުންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ.
މިއީ އާންމުކޮށް އަހަރެމެން ކުދިންނަށް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަކީ ކޮން ބޭކަލެއްކަން ކިޔައިދޭ ގޮތާ ތަފާތު ގޮތެކެވެ.
އެހެނީ އާންމުކޮށް ބުނެވެނީ އެކަލޭގެފާނުގެ ނަސަބު ފުޅާއި، ބޭރު ފުށުގެ ސިފަފުޅު ތަކާއި، މާތް ﷲ އެކަލޭގެފާނަށް ވަޙީ އިއްވެވިކަން ފަދަ އާންމު ވާހަކަ ތަކެވެ. ނަމަވެސް އެކަލޭގެފާނު ފޮނުއްވުނު މަޤުސަދުތައް އެކުދިންނަށް ކިޔައިދެވެނީ ވަރަށް މަދު ފަހަރަކުއެވެ. މި އާޔަތުގައި ވާ ޢިބާރާތްތައް އެކުދިންނަށް ފަސޭހައިން ވިސްނައިގަނެވޭނެ ކަހަލަ ގޮތަކަށް ކިޔައި ދެވިދާނެއެވެ.
މިސާލަކަށް: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަކީ، ރަނގަޅަށް އުޅޭ މީހުން ޤިޔާމަތް ދުވަހު ސުވަރުގެ ވަދެވޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނު ހަމައެކަނި އެޚަބަރު ދެއްވާފަ ނިންމަވާލެއްވީއެއް ނޫނެވެ. ސުވަރުގެ ދިއުމަށްޓަކާ ކުރާނެ ކަންކަން ވެސް އެކަލޭގެފާނު ވަނީ ކިޔައިދެއްވާފައެވެ. އަދި ﷲ އަށް ކާފިރުވެ، ގޯސް ކޮށް އުޅޭ މީހުން ނަރަކައަށް ވަންނާނެ ކަމުގެ ބިރުވެރި އިންޒާރެއްވެސް އެކަލޭގެފާނު ވަނީ ދެއްވާފައެވެ. ހަމަ އެހެންމެ އެނަރަކައިން ސަލާމަތްވާނެ ގޮތް ވެސް އެކަލޭގެފާނު ވަނީ ކިޔައި ދެއްވާފައެވެ. ހަމަ އެހެންމެ އެކަލޭގެފާނަކީ ބޮތްކެއް ފަދަ ބޭކަލެކެވެ. ތިކުދިންނަށްވެސް އިނގެއެއްނު ބޮތްކެއް ދިއްލާލީމާ އެ ބޮކިން ދޫކުރާ އަލިން، އެބޮކީގެ ވަށައިގެންވާ ތަންތަން އަލިވެއެއްނު! އެގޮތައް އެކަލޭގެފާނު ވަނީ ބޮތްކެއް، އޭގެ އަލި ވަށައިގެންވާ ތަންތަނަށް ފޮނުވާހެން ރަނގަޅު ކަންކަމާއި އެކަންކަން ކުރާނެ ގޮތްތަކާއި ނުރަނގަޅު ކަންކަމާއި އެކަންކަމުން ދުރުވާނެ ގޮތްތައް އެންމެހާ މީސްތަކުންނަށް އުގަންނަވައި ދެއްވާފައެވެ. އެހެންވީމާ ތިކުދިންވެސް ވާނެ އެކަލޭގެފާނު އެންގެވި ގޮތަށް އުޅެން މަސައްކަތް ކުރަން އޭރުން ޤިޔާމަތް ދުވަހުން ސުވަރުގެ ދެވޭ ކުދިންގެ ތެރެއިން ތިކުދިން ވާނެއެވެ. އަދި އިން ޝާއަ ﷲ، ސުވަރުގެއިން އެކަލޭގެފާނާ ބައްދަލުވެސް ވާނެއެވެ.”
2. އެކުދިންގެ ވެރި އިލާހުގެ ވަޙީ ބަސްފުޅެއްގައި، އެކުދިން ނަމޫނާ އަކަށް ބަލަންވީ ފަރާތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަން އަންގަވާފައި ވާކަން އެކުދިންނަށް ކިޔައިދިނުން. ﷲ ވަޙީ ކުރައްވަނީ: لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا ٢١﴾-(سورة الأحزاب 21)
މާނަ: “ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ސަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.”
އެހެންކަމުން އެކުދިން ދުނިޔޭގައި އުޅޭ އުޅުމުގައި ރަސޫލާﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުޅުވި ގޮތައް އެކަލޭގެފާނަކީ ނަމޫނާ އެއް ކަމަށް ބަލައިގެން އުޅުމަށް އެކުދިންނަށް ބާރު އަޅާށެވެ.
މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާއި ލަވަ ކިޔުންތެރިންނާއި ފިލްމިސްޓާރުންނާއި މިނޫންވެސް ފަރާތްތަކަކީ :ރޯލް-މޮޑެލުން” ކަމަށް ބަލާނަމަ ދުނިޔެއާއި އާޚިރަތްވެސް އެކުދިންނަށް ގެއްލިގެންދާނެކަން ކިޔައިދޭށެވެ. އެހެނީ އޭގެން ބަޔަކު ނަމޫނާ އަކަށް ބަލައިގެން ދުނިޔެ ބާއްޖަ ވެރި ކުރުމަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އަދި އެކަމުގައި އާޚިރަތް ބާއްޖަ ވެރި ކުރުމަށް ކުރެވޭނެ ކަމެއް ނުވާއިރު، އެހެން ގޮތްގޮތުން އާޚިރަތް ބާއްޖަ ވެރި ކުރުމަށް ވެސް ހުރަސް އެޅިގެން ދާނެއެވެ. އޭގެ ބަދަލުގައި މާތް ނަބިއްޔާ އަކީ ރޯލް-މޮޑެލް ކަމުގައި ބަލައިފި ނަމަ، އެކުދިންގެ ދުނިޔެއާއި އާޚިރަތްވެސް ބާއްޖަވެރިވެގެން ދާނެ ކަމުގައި އެކުދިންނަށް ވިސްނައި ދޭށެވެ.
3. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކުދިނާ ދުވަހަކުވެސް ބައްދަލު ވުމަކާ ނުލާ އަދި އެކުދިން ދުވަހަކުވެސް ފެނުމަކާ ނުލާ އެކުދިން ދެކެ ލޯބި ވީ މިންވަރު އެކުދިންނަށް ހާމަކޮށްދިނުން. އެގޮތުން އެކުދިންނަށްޓަކައި އެކަލޭގެފާނު ދުޢާ ކުރެއްވި ކަމާއި، އެކުދިންނަށްޓަކައި އެކަލޭގެފާނު ކީރިތި ކުރެއްވި ކަމާއި، މިނޫންވެސް މިފަދަ ވާހަކަތައް އެކުދިންނަށް ކިޔައި ދެވިދާނެއެވެ.
އެގޮތުން އެއް ޙާދިޘާއެއްގައި އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ ލޮބުވެތި އަނބި ކަނބަލުން އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޙާޟިރުގައި، އެކަމަނާގެ އިސްވެ ގޮސްފައިވާ ފާފަތަކާއި އެކަމަނާއަށް ފަހުން ކުރެވެން ހުރި ފާފަތައްވެސް ފުއްސަވައި ދެއްވުން އެދި ﷲ އަށް ދުޢާ ދެންނެވިއެވެ. މިކަމާ އެކަމަނާ އުފާވި މިންވަރުން ހިނިވަރުނަ ކުރެއްވުމާއެކު ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
“ތިމަންކަލޭގެފާނު ކުރައްވާ ކޮންމެ ނަމާދެއްގައި ތިމަންކަލޭގެފާނުގެ އުންމަތަށްޓަކައި ތިމަންކަލޭގެފާނު މި ދުޢާ ކުރައްވަމެވެ.” (ޙަދީޘް ގެ ރިފަރެންސް: أخرجه ابن حبان في "صحيحه" (7111)، من طريق حرملة بن يحيى، والبزار في "مسنده" كما في "كشف الأستار" (2658)، حسنه الألباني)
މިޙާދިޘާއިން އެކުދިންނަށް ދޭން ބޭނުންވާ މެސެޖެކީ، އެކުދިންނަކީ އެކަލޭގެފާނުގެ އުންމަތުގެ ތެރޭގައި ހިމެނޭ ކުދިން ކަމުން، އެކުދިންނަށް ކުރެވޭ ރަނގަޅު ނޫން ކަންކަމާއި ފާފަތައް ފުއްސަވައި ދެއްވުމަށް އެކުދިން އުފަންވުމުގެ މާކުރީއްސުރެވެސް އެކަލޭގެފާނު ކޮންމެ ނަމާދެެއްގައި ދުޢާ ކުރައްވާފައިވާ ކަމެވެ. އެކަލޭގެފާނު އެކުދިންނަށްޓަކައި އެފަދަ ދުޢާއެއް ކުރެއްވުމުން އެނގިގެންދަނީ އެކަލޭގެފާނު އެކުދިން ދެކެ ލޯބިވާ މިންވަރެވެ. އެހެންކަމުން އެކުދިން ވެސް އެކަލޭގެފާނު ދެކޭ ލޯބިވެ، އެކަލޭގެފާނު އެންގެވި ގޮތަށް އުޅެން މަސައްކަތް ކުރަން ވާނެކަން އެކުދިންނަށް އަނގައިދޭށެވެ.
ހަމަ އެހެންމެ އެހެން ހާދިޘާއެއްގައި، ޞަޙާބީންނާ އެކުގައި އެކަލޭގެފާނު ވަނިކޮށް އެކަލޭގެފާނު ކީރިތިކުރައްވަން ފެއްޓެވިއެވެ. ދެން އެކަލޭގެފާނު ކީރިތިކުރައްވަނީ ކީއްވެތޯ، ޞަޙާބީން އެއްސެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
“ތިމަންކަލޭގެފާނުގެ އަޚުންނާ ބައްދަލު ކުރަން ތިމަންކަލޭގެފާނު ބޭނުންފުޅު ވަނީއެވެ.” އެހިނދު ޞަޙާބީ ބޭކަލުން ވިދާޅުވިއެވެ. “ﷲގެ ރަސޫލާއެވެ! އަހަރެމެން މީ ކަލޭގެފާނުގެ އަޚުން ނޫން ހެއްޔެވެ؟” އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ނޫނެކެވެ. ތިޔަބައިމީހުންނަކީ ތިމަންކަލޭގެފާނުގެ ޞަޙާބީންނެވެ. ތިމަންކަލޭގެފާނު (އެބަޔަކާ ބައްދަލު ކުރެއްވުމަށް އެދި މި ކީރިތިކުރައްވާ) އަޚުންނަކީ ތިމަންކަލޭގެފާނު ދުށުމަކާ ނުލާ ތިމަންކަލޭގެފާނަށް އީމާންވީ މީހުންނެވެ.” (ޙަދީޘްގެ ރިފަރެންސް: مسند أحمد 3/ 155 (12579))
އެކަލޭގެފާނު އެއިޝާރާތް ކުރެއްވި މީހުންގެ ތެރޭގައި އެކުދިން ހިމެނޭކަން އެކުދިންނަށް ވިސްނައިދޭށެވެ. މިސާލަކަށް: “ތި ކުދިން ތިޔަ ތިބީ ދުވަހަކުވެސް އެކަލޭގެފާނު ދުށުމަކާނުލާ އަދި އެކަލޭގެފާނާ ބައްދަލު ވުމަކާ ނުލާ އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނަކީ ތިކުދިންގެ ރޯލް-މޮޑަލް ކަމުގައި ދެކިގެންނެވެ. އެހެން ކަމުން އެކަލޭގެފާނު ތިޔަ ކުދިންނާ ބައްދަލު ވުމަށް އެދޭ މިންވަރުން އަދި ތިކުދިންނާ ބައްދަލު ވުމުގެ ކުރިން ދުނިޔެއިން ވަކިވާން ޖެހިދާނެތީ އެކަލޭގެފާނު ދެރަވެ ކީރިތި ކުރެއްވުނީއެވެ. ތިކުދިންނަށް އެކަލޭގެފާނާ ދެން ބައްދަލުވާން އޮތް ތަނަކީ ސުވަރުގެއެވެ. އެހެންކަމުން އެކަލޭގެފާނާ ބައްދަލު ކުރަން އެދޭނަމަ އެކަލޭގެފާނަށް ފުރިހަމަ އަށް އީމާންވެ އެކަލޭގެފާނު އެންގެވި ގޮތަށް ރަނގަޅަށް އުޅެން ތިކުދިން މަސައްކަތް ކުރަން ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!