2020 އަހަރަށް ލަފާކޮށް، 39.55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސުން އާއްމުކުރި މައުލޫމާތުން ހާމަވެއްޖެއެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ "2020-2022 ފިސްކަލް ސްޓްރެޓެޖީ" ބަޔާނުގައި ބުނެފައިވާގޮތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓް 39.55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

Ad
rt

މީގެ ތެރެއިން ޖުމްލަ ހަރަދަކީ 37 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 6.5 ޕަސެންޓުގައި ހިފެހެއްޓޭއިރު، އަދި އަލަށް ފަށާ މަޝްރޫއުތަކަށް 5.5 ބިލިއަން ރުފިޔާގެ "ފިސްކަލް ސްޕޭސް" ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ މީގެ އިތުރުން ބަޖެޓުގެ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ފިނޭންސް އިން ބުނެފައިވަނީ އިންޑިއާ ސަރުކާރުން ބޮންޑާއި ޓީބިލްގައި އިންވެސްޓްކުރާ، 1.54 ބިލިއަން ރުފިޔާ އަންނަ އަހަރު ހިލޭ އެހީއަށް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

ފިސްކަލް ޕޮލިސީ މެދުވެރިކޮށް ދައުލަތުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަންނަ އަހަރަށް
ތައާރަފުކުރާ ސިޔާސަތުތައް ނުވަތަ އަލަށް ފަށާ މަޝްރޫއުތަކާއި ރިކަރަންޓް ޕްރޮގްރާމްތަކަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަންނަ އަހަރަށް 39 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ތައްޔާރުވާއިރު، މި އަހަރަށް ހަރަދު ކުރަމުން ގެންދަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މީގެ އިތުރުން އާ ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށް ބޮޑުބައި ބޭނުންކޮށްފަ އެވެ.

ފިސްކަލް ސްޓްރެޓެޖީ އަކީ، އަހަރަކު އެއްފަހަރު ފިނޭންސުން މަޖިލީހަށް ހުށަހަޅާ ބަޔާނެކެވެ. އެ ބަޔާން ފިނޭންސުން މަޖިލީހަށް ހުށަހެޅީ މިދިޔަ ޖުލައި 31 ވަަނަ ދުވަހު އެވެ. އެ ކަރުދާހުގައި ހުރީ ޖޫންމަހުގެ ނިޔަލަށް ހަދާފައިވާ އަންދާޒާތަކެކެވެ.