ކެޕިޓަލް މާކެޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްއެއް ތައާރަފުކޮށްފިއެވެ.
މިޕްރޮގްރާމް ތަޢާރަފުކޮށްފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" އެކުލަވާލުމާއި ގުޅިގެންނެވެ.
ސީއެމްޑީއޭ އިން ބުނީ މިޕްރޮގްރާމްގެ މަޤްޞަދަކީ، ކުންފުނި ހިންގުމާއި ވިޔަފާރިކުރުމުގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ގޮތުގައި ޢައްޔަނުކުރާ ފަރާތްތަކާއި މިކަމަށް ޝައުގުވެރިވާ ފަރާތްތައް އަހުލުވެރިކުރުވުންކަމަށާއި މިފަރާތްތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެ ޕްލެޓްފޯމްއެއް ހޯދައިދިނުންކަމަށެވެ.
މިޕްރޮގްރާމްގައި އެކުލެވޭ މޮޑިއުލްތަކުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޤާނޫނާއި ގަވާއިދުތަކާއި، ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕަރ" އަދި ކޯޑް އޮފް ކޮންޑަކްޓްއާއި، ސީ.އެމް.ޑީ.އޭގެ ކޯޕަރޭޓް ގަވަރނަންސް ކޯޑާއި، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކާއި، މާލީ ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކުރުމާގުޅޭ މޮޑިއުލްތަކާއި އަދި މިނޫންވެސް ޒަމާނީ ވިޔަފާރިކުރުމާގުޅޭ އެކިއެކި މައުޟޫތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ މޮޑިއުލްތައް ހިމެނެއެވެ.
ސީ.އެމް.ޑީ.އޭއިން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިތަމްރީން ޕްރޮގްރާމްތަކުގެ ފުރަތަމަ ޕްރޮގްރާމް ބާއްވަން ހަމަޖެހިފައިވަނީ 6 އިން 8 ޖޫން 2022 އަށެވެ. މިޕްރޮގްރާމްގެ ރިސޯސް ޕަރސަންސްގެ ގޮތުގައި ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ތަޖުރިބާކާރު ފާރާތްތަކާއި އަދި ސީ.އެމް.ޑީ.އޭގެ ޓްރެއިނިންގ އިންސްޓިޓިއުޓް (ICDS)ގެ ތަޖުރިބާކާރު ފަރާތްތަކެވެ.
މިމަހުގެ 6 ވަނަ ދުވަހު ފަށާ މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓަރީކުރުމަށް ސީ.އެމް.ޑީ.އޭއިން މިހާރު ވަނީ ހުޅުވާލާފައެވެ.
މިޕްރޮގްރާމްބެހޭ މަޢުލޫމާތު ސީ.އެމް.ޑީ.އޭގެ ވެބްސައިޓް www.cmda.gov.mv އިން ލިބެން ހުންނާނެއެވެ. އަދި މިޕްރޮގްރާމާގުޅޭ އިތުރު މަޢުލުމާތު ހޯދުމަށް ސީ.އެމް.ޑީ.އޭގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!