މި ލިއުމުގައި ރައްޔިތުންގެ ބައިވެރިވުން ގޮތުގައި ބަލަލާފައިވާނީ ކުރިން މިދެންނެވުނު ރައްޔިތު މަސައްކަތަށް ވުރެ ފުޅާ ދާއިރާއެއްގައެވެ. ހަމައެކަނި ވަކި ފަރާތަކުން އަންގައިގެން ނުވަތަ ވަކި ފަރާތަކުން ހުރިހާކަމެއް ރާވާ ނިންމައިގެން ރައްޔިތުން ރައްޔިތު މަސައްކަތްކުރާ އުސޫލަކުން ނޫނެވެ.
ނަމަވެސް ހުރިހާ ފެންވަރެއްގައި ރަށްރަށުގެ ކަންކަން ރާވާ ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާ ދާއިރެއްގައި ހޯދާ ލިބިގަތުމުގެ މައްޗަށެވެ. އަދި މިފަދަ ނިންމުންތައް ނިންމުމުގަޔާއި ރޭވުންތައް ރޭވުމުގައި ރަށުގެ ތަފާތު ފަންތީގެ އަދި ތަފާތު ގިންތީގެ ވީހާ ގިނަބަޔެއްގެ ޚިޔާލާއި މަޝްވަރާ އާއި ބައިވެރިވުން ހޯދުމުގެ މައްޗަށެވެ.
ރައްޔިތުންގެ ބައިވެރިވުމަކީ ތަންކޮޅެއް ދޫކޮށް ބުނާނަމަ "ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމަށް ބާހާއި އަމަލުން ރައްޔިތުން ނަން ބައިވެރި ވުމުގެ ފުރުޞަތު އޮތުމެވެ." މިއީ އަސާސީ އިންސާނީ ހައްޤެކެވެ. އަދި ޑިމޮކްރެސީގެ އެއް އަސާސް އެވެ.
ކަންކަން ރާވާ ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުމަކީ ބާރުވެރި ރައްޔިތެއް އުފެއްދުމުގެ ތަޅުދަނޑިއެވެ. އަދި ހަމަ އެއާއިއެކު އެއީ މުޖްތަމަޢުގެ ކާމިޔާބީ އަށް މުހިންމު ވަސީލަތެކެވެ.
ނަތީޖާތައް ދައްކާގޮތުން ކަންކަން ރާވާ ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ބޮޑަށް އޮންނަ މުޖްތަމަޢު ތަކުގައި ކަންކަން ކުރަން ބޭނުންވާ ވަސީލަތްތައް ހޯދުމާއި އަދި ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރުމަށާއި އަދި މުޅި ކޮމިއުނިޓީއަށް ފައިދާހުރި ގޮތުގައި ކަންކަން ކުރަން މަގުފަހިވެއެވެ.
އަދި މިފަދަ މުޖްތަމަޢު ތަކުގައި އެ މުޖްތަމަޢު އާއި މެދު ރައްޔިތުންގެ ހިތްހަމަޖެހުން ބޮޑުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!