ރާއްޖޭގެ ރައްޔިތުންނަކީ ކުރީ ޒަމާނުގައި ރަށްރަށުގެ ތަރައްޤީއަށް ރައްޔިތުން ގޮތުގައި އަމިއްލަޔަށް އިސްނަގައިގެން މަސައްކަތް ކުރަމުން ގެންގޮސްފައިވާ ބަޔެކެވެ. ދިރިއުޅުމުގެ ހުރިހައިކަމެއް އެ މީހުން އަމިއްލަޔަށް ހަމަޖައްސައިގެން އަމިއްލަ ޒިންމާގައި ދިރިއުޅޭ ބައެއްގެ ގޮތުގައެވެ.

ވެރިކަން ހިންގުމާއި، ތަޢުލީމް ދިނުމާއި، ބޭސްފަރުވާ ކުރުމާއި، ދީނީ ކަންތައްވެސް އަމިއްލަ ރަށުގައި އެ ރަށެއްގެ ރައްޔިތުންގެ މެދުގައި ރަނގަޅު އުޞޫލުތަކަކުން ހަމަޖެހިގެން ކުރަމުންދިޔަ ބައެއްގެ ގޮތުގައެވެ. ރަށްރަށުގެ ކަތީބުންނާއި މުދިމުން ފަދަ މިހުންގެ މުސާރަ ދީ އުޅުނީވެސް ރައްޔިތުންކުރާ މަސައްކަތުން ހޯދާ އާމްދަނިއަކުން ސިދާ ރައްޔިތުންނެވެ. މިގޮތުން މަސްވެރިން ބާނާމަހުން ވެރިންނަށް ބައި އެޅުމާއި، މިސްކިތް ބެލެހެއްޓުމަށް ބަންޑާރަ ރުކުން ބައެއް މިސްކިތު ރުއް ކަމުގައި ހަމަޖައްސާ އެޔަށް ލިބޭ އާމްދަނީއަކުން މިސްކިތް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދިޔަ ޒަމާންވެސް މާޒީވެ ގޮސްފައިވެއެވެ.

Ad
rt

ރާއްޖޭގެ ބައެއް ރަށްރަށުގައި އެ ރަށްރަށުގެ ތަރައްޤީއަށް ކޮށްފައިވާ ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްތައް ތަކަކީ މިދެންނެވިފަދައިން ރައްޔިތުން އިސްނަގަގެން ކޮށްފައިވާ މަސައްކަތްތަކެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށަކީ މިގޮތުން ނަގާކިޔާލެވޭ ރަށްރަށެވެ. ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ރައްޔިތުން އަމިއްލަޔަށް ނުވަތަ ރައްޔިތުންގެ ބައިވެރިވުމާއިއެކު ކޮށްފައިވާ ރަށްރަށެވެ. ވުމާއިއެކު ރަށުގެ މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވުން އެއީ ދިވެހިރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް އައު ކަމަކަށް ނުވާނެއެވެ.

އިސްވެ ދެންނެވުނު ބައިވެރިވުމަށް ދީފައިވާ ނަމަކީ ރައްޔިތު މަސައްކަތެވެ. ރައްޔިތުންގެ މަސައްކަތުގައި ރައްޔިތުން ބައިވެރިވާ ވާހަކައެވެ. އާމްދަނީ ހޯދުމަށް ކުރާމަސައްކަތް ތައް ހުއްޓާލުމަށްފަހު ރަށު ބަންދުގައި ތިބެގެންވެސް ރައްޔިތުން މަސައްކަތަށް ކޮށްފައިވެއެވެ.

މިފަދަ މަސައްކަތް ކުރެވެމުންދިޔައީ ވަކި ޕްލޭން އެއްގެ ދަށުން ރާވައިގެން ކުރެވޭ ކަމަކަށްވުރެ ބޮޑަށް އެވަގުތަކަށް މުހިންމު ކަމެއް ދިމާވުމުން އެކަމެއް ކުރާ އުސޫލުންނެވެެ. މިފަދަ ކަންކަން ރޭވުމުގައި ރައްޔިތުންގެ ތެރެއިން ތަފާތު ފަންތީގެ މީހުންގެ މާބޮޑު ބައިވެރިވުމެއް ނެތިއެވެ. ކޮންމެވެސް ބަޔަކު ނުވަތަ ކޮންމެވެސް ފަރާތަކުން (ގިނަފަހަރަށް ރަށު އޮފީސް މެދުވެރިކޮށް ސަރުކާރުން ނުވަތަ އޮފީސް ހިންގާ ފަރާތުން) ކުރަންވީ ކަންތައް ކަނޑައެޅުމުން ރައްޔިތުން ނުކުމެ މަސައްކަތް ކުރާ އުސޫލުންނެވެ.

ޒަމާން ބަދަލުވަމުން ދިޔަ ދިޔަހެން މަޑުމަޑުން މިކަންކަމަށް ބަދަލުއަންނަމުން ދިޔައެވެ. ރައްޔިތުންނަށް ސަރުކާރުން އެކި ޚިދުމަތްތަށް ދޭންޖެހިި، ޚިދުމަތްތައް ފުޅާ ވެގެންގޮސް ޚިދުމަތް ދިނުމުގެ އިންތިޒާމް ތަކާއި އުސޫލުތަކަށް އަންނަމުން ދިޔަ ބަދަލުތަކާއި ގުޅިގެން ރައްޔިތުން އަމިއްލަޔަށް އިސްނަގައިގެން ކުރަމުންދިޔަ ކަންކަން ސަރުކާރުން ކޮށްދޭ ކަންތަކަށް ބަދަލުވަމުން ދިޔައެވެ.

ބަރޯސާ ކުރުމާއި ބަރޯސާވުމުގެ ޘަޤާފަތަކާއި ދިމާއަށް މިސްރާބު ބަދަލުވިއެވެ. ރައްޔިތުންގެ މާބޮޑު ބައިވެރިވުމެއްނެތި ސަރުކާރަށް ފެންނަކަމެއް ފެންނަގޮތަކަށް ކުރަމުން ދިޔުމާއި އަދި ރަށުގެ އިދާރާތަކާއި ރައްޔިތުންނާއި އޮންނަ ގުޅުން ކުޑަވުމާއި އަދި ވިސްނުންތަކަށް އަންނަމުން ދިޔަ ބަދަލުތަކާއި އެކު، މިދެންނެވި ރައްޔިތު މަސައްކަތާއި އަދި އެއްރައްޔިތެއްގޮތުގައި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރަމުން ދިޔަ ރޫހަށް ހީނަރުކަން އަންނަމުން ގޮސް ބައެއް ރަށްރަށުގައި އެއްރައްޔިތެއްގޮތުގައި މަސައްކަތްކުރުމުގެ ރޫހު ވަނީ މުޅިން ނެތިގެން ގޮސްފައެވެ. މިހެން ދެންނެވިނަމަވެސް ބައެއް ކޮމިއުނިޓީ ތަކުގައި ފަރުދީ ފެންވަރުގަޔާއި އަދި ޖަމްޢިއްޔާ/ޖަމާޢަތުގެ ފެންވަރުގައި ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރަންޖެހެއެވެ.