ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވެސް، ކޮމަންޑޫ ދާއިރާ ބަހުސްއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމްއަކީ އެންމެ ގާބިލު ކެންޑިޑޭޓްކަމަށް ނިންމައިފިކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލިދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވުނު ބަހުސް އޮތީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. އެ ބަހުސްގައި ފަތުހީ ވަނީ ތަފާތު ދައްކާފަކަމަށް އޭނާ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
ބަހުސްގައި ފަތުހީ ދެއްކެވި ވާހަކައަށް ބިނާކޮށް، "އިސްލާމީ އިލްމްގެ އަޑު މަޖިލީހުގައި ގުގުމަން މިފަހަރު ފަތުހީ" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ރިޕޯޓެއް ޓްވީޓާގައި ހިއްސާކުރަށްވައި ހީނާ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބަހުސްއަށްފަހު ވޯޓު ދޭނެ ގޮތެއް ކުރިން ނުނިންމާ ތިބި އެދާއިރާގެ ރައްޔިތުން ވެސް އެންމެ ގާބިލު ކެންޑިޑޭޓަކީ ފަތުހީކަމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ހީނާ ވަނީ އެކަން ހާމަކޮށްދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރަށްވައި، މިފަހަރު ހޮވަންވާނީ ކެންޑިޑޭޓް ނަމްބަރު 2 ފަތުހީކަމަށް ވިދާޅުވެފައެވެ.
ޝަރީޢަތާއި، ޤާނޫނުގެ ރޮނގުން ބެޗްލާސް ޑިގްރީ ހާސިލް ކުރެއްވުމަށްފަހު، ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަކުރަށްވައިގެން ހުންނެވި ފަތުހީ ބަހުސްގައި ވިދާޅުވީ އޭނާ އިންތިޚާބުކޮށް ދީފިނަމަ ޤާނޫނީއަސާސީގެ ތަރަހައިގެތެރެއިން، ޤާނޫނުއަސާސީގައި މެންބަރުންނާ މަތިކޮށްފައިވާ ކަންކަން އޭގެ އެންމެމަތީ ދަރަޖައިޖައިގައި ކުރުންމަތީ ދެމި ހުންނަވާނެ ކަމަށެވެ. އަދި ސައުވީސް ގަޑިއިރު ހުންނަވާނީ ދާއިރާގެ ޚިދުމަތުގައި ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާތަނަށް ދާއިރާގެ ރަައްޔިތުންގެ ހައްގުގައި ކޮމަންޑޫ ދާއިރާގައި އަޑުއުފުލާފައެއް ނެތްކަމަށް ދާއިރާގެ ރަށްޔިތުން ބުނަމުންދާކަމަށެވެ. އަދި އެކަން ކޮށްދިނުމަށް ވެސް އެދެމުންދާ ކަމަށެވެ. އެހެންވެ އޭނާ ނުކުމެ ހުރީ އެކަން ކުރުމަށް ކަމަށް ވިދާޅުވިއެވެ.
ފަތުހީ ވަނީ މިނިވަންކަމާއެކު ބަސްބުނެވޭ މީހަކަށްމެނުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އޭނާއަކީ މިނިވަންކަމާއެކު ބަސްބުނާނެ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ރައްޔިތުންގެ ހާދިމެއްކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ކެންޑިޑޭޓް ނަމްބަރު 2 ފަތުހީ އަކީ، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި 32 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތާއި، ސަރުކާރުގެ އެކިމަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި ށ. އަތޮޅު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އަތޮޅާއި، ކޮމަންޑޫ ދާއިރާއަށް ކުރެއްވި ޚިދުމަތާއި، ހޯމް މިނިސްޓްރީގެ ނައިބު ވަޒީރެއްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތާއި އަދި މިނޫން ވެސް މަގާމުތައް ފުރުއްވުމުގައި ކުރެއްވި ޚިދުމަތްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!