ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަތުން ނަގަމުންދާ ފީ ކުޑަކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސޯޝަލް މީޑިއާގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކައުންސިލް މެމްބަރުންގެ ތާއިދާއިއެކު އެރަށު ޕްރީސްކޫލްއިން މިހާރު ނަގަމުންދާ ފީއިން 50 ރުފިޔާ އުނިކޮށްފައިވާ ކަމަށެވެ.
އެގޮތުން އަންނަ ފެބުރުއަރީ މަހުން ފެށިގެން އެސްކޫލް ކުދިންގެ އަތުން ފީއެއްގެ ގޮތުގައި ނަގަމުންދާނީ -/300 (ތިންސަތޭކަ) ރުފިޔާއެވެ.
ފީ ކުޑަކުރުމަށް ހުށައަޅާފައިވަނީ ކައުންސިލަރ ޢާއިޝަތު ޝަދީލާއެވެ. އަދި ކައުންސިލްގެ ނައިބުރައީސް ޢަބްދުﷲ ވަޙީދު ގެ އިތުރުން ކައުންސިލްގެ ބައްދަލުވުމަށް ހާޟިރުވެ އިތުރު މެމްބަރުންވެސް ވަނީ މި ނިންމުމަށް އިއްތިފާޤުވެފައެވެ.
ރަޝީދުވަނީ ޕްރީސްކޫލް ފީ ކުޑަކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ފާހަގަކޮށް އެކަމަށްޓަކައި ކައުންސިލްގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!