ހއ. ދިއްދޫގައި ކޯވިޑް-19 ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ކާފިއު ހިންގައި ގޭގެއަށް ޒިޔާރަތްކުރުން މަނާކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ދިއްދޫ ކައުުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިމިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކޯވިޑް-19 ދިއްދޫ ޓާސްކް ފޯސްއިން ކައުންސިލަށް ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ.

Ad
rt

އެގޮތުން މިއަދުން ފެށިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅު ތަކަކީ:

  • މަގުމަތީގައި އާއި އެހެނިހެން ތަންތަނުގައިވެސް މީހުން އެއްވެ ނޫޅުމާއި އަދި ޟަރޫރީ ބޭނުންތަކުގައި ނުކުންނައިރު މާސްކު އެޅުމާއިއެކު ގައިދުރުކަން ބެހެއްޓުން.
  • އެއް އެއްގެއިން އަނެއްގެއަށް ޒިޔާރަތް ނުކުރުން.
  • ފިހާރަ / ރެސްޓޯރެންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅާ އެ ތަންތަނުގެ އެތެރޭގަ އާއި ބޭރުގައިވެސް ގައިދުރުކަން ބެހެއްޓޭނެގޮތަށް 3 ފޫޓް ދުރުގައި ކަސްޓަމަރުން ތިބެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  • ސެލޫންތަކާއި، ބޯކޮށާ ތަންތަން ރޭގަނޑު 9 ގެ ފަހުން ޚިދުމަތް ދިނުން ހުއްޓާލުން.
  • ފިހާރަތަކުން ކަނޑައަޅާ ޢަދަދަށް ކަސްޓަމަރުން ވައްދައިގެން ޚިދުމަތް ދިނުމާއި އަދި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުން. އަދި ފިހާރަތަކުގެ ތަޅުގެ އަތްގަނޑުތަކާއި ސިޑީގެ ރެއިލްތައް ގިނަގިނައިން ޑިސްއިންފެކްޓް ކުރުން.
  • ފިހާރަތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތަންވެސް ރޭގަނޑު 9:00 ގެ ފަހުން ބަންދުކޮށްފައި ބެހެއްޓުމާއި، ރޭގަނޑު 9:00 އިން 10:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތް ދިނުން.
  • ހޮޓާ / ރެސްޓޯރެންޓްތައް ރޭގަނޑު 9:00 އާ ހަމައަށް ޚިދުމަތް ދިނުމާއި، ރޭގަނޑު 9:00 އިން 12:00 އަށް ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ދިނުން.
  • ހޮޓާ / ރެސްޓޯރެންޓްތަކުން ޚިދުމަތް ދޭއިރު އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް މީހުން ތިބެވޭނެ އިންތިޒާމު ހަމަޖެއްސުން އަދި ޚިދުމަތްދީ ނިމުމުން އެތަންތަން ޑިސްއިންފެކްޓް ކުރުން.
  • ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއީ ކާފިއުގެ ވަގުތު ކަމުގައި ހަމަޖައްސާ އެވަގުތުތަކުގައި ގެއިން ބޭރަށް ނުދިއުމަށާއި އަދި ހުއްދަ ދީފައިވާ އެއްގަމު އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުން.
  • ދިއްދޫ އިން ކޮންމެހެން ފުރަންޖެހޭ އުޅަނދުފަހަރު ދިއްދޫ ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު ފުރުން.
  • ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތައް އަދި ކުޅިވަރުގެ ޙަރަކާތްތައް ކުރިއަށް ނުގެންދިއުމާއި ޕާކުތަކާއި ހޮޅުއަށިތަކާއި ޖޯލިފަތިތަކުގައި މީހުން އެއްވެ ތިބުން މަނާކުރުން.
  • ޓިއުޝަން ކުލާސްތަކާއި، ކިޔަވައިދޭ އެހެނިހެންތަންތަނަށް ކުދިން ޚާޟިރުކޮށްގެން ކިޔަވައި ދިނުން ހުއްޓާލުން.
  • ސުކޫލް މަދަރުސާފަދަ ތަންތަނުގައި ގުރޭޑް 7 އިން ދަށުގެ ކުދިން ހާޟިރުކޮށްގެން ކިޔަވައި ދިނުން ހުއްޓާލުން.

ކޯވިޑް ކޭސްތައް އިތުރުވަމުންދާ ދިއްދޫގައި މިމަހުގެ 22 ވަނަ ދުވަހު އެކަނިވެސް 25 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިވަގުތު އެރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 109 އެވެ.

ޞިއްހީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން އެރަށް މޮނިޓަރިންގއަށް ލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.