މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

މޮސްޓާ ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރަން މަޖިލީހުން ވަނީ ފާސްކޮށް ބަހުސް ފަށާފައެވެ. އެމައްސަލައަށް ބަހުސް ކުރަން 55 މެންބަރުން ވޯޓް ދެއްވިއެވެ.

Ad
rt

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް މަޖިލީހުގެ އެއް ޖަލްސާއެއްގައި ކުއްލި ދެ މައްސަލައަކަށް ބަހުސް ނުކުރެވޭތީ އާދަމް ޝަރީފް ވަނީ އޭނާ ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވާފައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރުން މުހައްމަދު ނަޝީދު ވިދާޅުވީ އިސްލާމް ދީނަށް ހަޖޫޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ދިވެހިރާއްޖޭގައި ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދީނަށް ފުރައްސާރަކުރާ މީހުންނާއި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ދިވެހި އުންމަތުން "ނައްތާލަންޖެހޭ" ކަމަށްވެސް ތަކުރާރުކޮށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރު އުފެދެނީ ލާދީނީ މީހުންގެ ސަބަބުން ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެ ކަމަށް ބުނެފައިވާތީ ދީނަށް ފުރައްސާރަކުރާ މީހުންގެ ދިވެހި ރައްޔިތުކަން ނަގަންޖެހޭނެ ކަމަށެވެ.