ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ މިހާރު ގެންދަވަނީ، އަވަށްޓެރި އިންޑިޔާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދަޢުވަތަކަށް އެ ޤައުމަށް ދަތުރުފުޅެއް ކުރަށްވަމުންނެވެ.
މި ދަތުރުފުޅުގެ ތެރެއިން މިއަދު އިންޑިޔާގެ އެޒިމަލާގައި ހުންނަ އޭޝިޔާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް އެކަމަނާ ޝަރަފުވެރިކޮށްދެއްވާފައިވާއިރު މިއީ މި ޕެރޭޑް ބޭރު ޤައުމެއްގެ ވަޒީރަކު ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.
މި ޕެރޭޑް ޝަރަފްވެރިކޮށްދެއްވިއިރު މިނިސްޓަރު ތުރުކުރަށްވައިގެން ހުންނެވީ ދިވެހި ޤައުމީ ހެދުމުގެ ތެރޭގައި ހިމެނޭ އަދި ޘަޤާފީ ހެދުމެއްކަމަށްވާ ކަސަބު ބޯވަޅު އެޅި ލިބާހެކާއި، ފޭއްޔެކެވެ.
WATCH NOW -
Passing Out Parade at Indian Naval Academy, Ezhimala on https://t.co/RV3xHGuV2z pic.twitter.com/BAM6s8zL2c— Prasar Bharati News Services पी.बी.एन.एस. (@PBNS_India) November 27, 2021
މިއަދު ހެނދުނު ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ވަނީ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޑިފެންސް ކޯޕަރޭޝަން ޕާރޓްނަރޝިޕްގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.
މިގޮތުން، ދިފާޢީ ކަންކަމުގައި ދެޤައުމުގެ އެއްބާރުލުން ބިނާވެފައި އޮންނަނީ ހަމަހަމަކަމާއި، އިތުބާރާއި، ދެފަރާތުގެ ފައިދާ އާއި، ދެޤައުމާއި އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަށް އޮތް މުހިއްމު ބޭނުމުގެ މައްޗަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އައި.އެން.އޭ އިން ތަމްރީނުކޮށްދީފައިވާ އެމް.އެން.ޑީ.އެފް އޮފިސަރުން، މިއަދު މަތީ ރޭންކުތަކުގައި، ދިވެހި އަސްކަރިއްޔާއަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.
މިދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، އިންޑިޔާގެ ނޭވީގެ ސަދަރން ކޮމާންޑަށާއި އިންޑިއަން ނޭވަލް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ޓްރެއިނިންގ ފެސިލިޓީތައް ބައްލަވާލައްވާފައެވެ. އަދި އިންޑިޔާގައި ތަމްރީނުވަމުންދާ ދިވެހި ސިފައިންނާވެސް އެކަމަނާވަނީ ބައްދަލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!