ށ. ފީވަކުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދޭން ނިންމައިފައިވާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މަސްޖިދުލް އަލީ ޔޫސުފްގެ ނަމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރެވެ.
މި ރަސްމިއްޔާތުގައި ފީވަކުގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެ ވެފައިވާއިރު، މި ރަސްމިއްޔާތުގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކަކުން ވަނީ މިސްކިތް ބިނާކުރުމުގައި ޙަރަކާތްތެރިވާ ޓީމަށާއި ރަސްމިއްޔާތައް ވަޑައިގެންނެވި ފަރާތްތަކަށް ޙާއްސަ ސައިފޮދެއްވެސް އަރުވާފައެވެ.
ދެ ޖިންސްގެ މީހުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް އިމާރާތްކޮށް ދޭ މި މިސްކިތަކީ، އެރަށުގެ ބަނދަރު ސަރަހައްދުގައި މިސްކިތެއް ނެތުމުން އެ ސަރައްދުގައި އުޅޭ މީހުންނަށް ފަސޭހައިން ނަމާދުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށް އިމާރާތް ކޮށްދޭ މިސްކިތެކެވެ.
މި މިސްކިތުގެ ހަރިންމައިގެ ބޮޑުމިނުގައި 10,000 އަކަފޫޓް ހުންނާނެއެވެ. އަދި ނަމާދުކުރާބައިގެ ބޮޑުމިނުގައި 1296.2 އަކަފޫޓު ހުންނާނެއެވެ. މިއީ 154 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތުގެ ޤިބްލަ ފާހަގަކޮށްދޭ ދުވަހުން ފެށިގެން 250 ދުވަހުގެ ތެރޭގައި ނިންމައިދޭން ނިންމާފައިވާ މި މިސްކިތުގައި ފާޚާނާ، ވުޟޫކުރާ އިސްކުރުބަރި، ގުދަން އަދި މުންނާރު ވެސް އެކުލެވިގެން ވެއެވެ. މި މިސްކިތުގެ ޤިބްލަ ފާހަގަކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އާބާދީގައި 1100 އަށްވުރެ ގިނަ މީހުން ހިމެނޭ ފީވަކުގައި މިހާރު ވެސް ނަމާދު ކުރަން ބޭނުން ކުރާ 2 މިސްކިތެއް ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!