ޤާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި، ރަޖިސްޓަރީވުމަށް އެދޭ ބިދޭސީން ރަޖިސްޓަރީކުރުން ގަލޮޅުދަނޑަށް ބަދަލުކުރުމަށް މިއަދު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާލާއިއެކު މަޝްވަރާކުރެވިއްޖެ ކަމަށާއި، ވީއެންމެ އަވަހަކަށް ގަލޮޅުދަނޑަށް އެމަސައްކަތް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ގަލޮޅުދަނޑުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާލާއިއެކު ނަންގަވާފައިވާ ފޮޓޯތަކަކާއެކު ފޭސްބުކްގައި މިނިސްޓަރ މަހުލޫފު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމުގައި ބިދޭސީން ކިޔޫ ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލައަށް ނިމުމެއް ގެނައުމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއެކު މަސައްކަތް ފަށައިފައިވާ ކަމަށެވެ.
ޤާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި، މިނިސްޓްރީން ދުވާލަކަށް ދޫކުރަމުން އަންނަނީ، 100-150 ކިއު ނަންބަރެވެ. މި ފުރުސަތު ހުޅުވާލުމާއެކު، އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށުގައި ރޭގަނޑުން ފެށިގެން ދިގު ކިޔޫ އެއް ހަދާފައިއޮވެއެވެ.
ކިޔޫގެ މައްސަލައަށް ހައްލެއް ހޯދުމަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް އިތުރު ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ފައްޔާޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސީ މީހުން އުޅޭ ކަމަށް ލަފާ ކޮށްފައި ވާއިރު، މިކަމަށް ހައްލެއް ހޯދަން، ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީކޮށްދިނުމަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
ރަޖިސްޓްރީވާން ޖެހެނީ މިވަގުތު ވަޒީފާ ނެތި ގަވައިދާ ހިލާފަށް އުޅޭ މީހުންނެވެ. ގަވައިދުގެ ތެރެއަށް ބިދޭސީން ވަނުމަށް ފަހު، ވަޒީފާއެއް ހޯދަން ހަ މަސް ދުވަހުގެ މުހުލަތެއް ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!