އަވަށްޓެރި އިންޑިޔާގެ އުއްތަރަ ޕްރަދޭޝް އާއި ބިހާރުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އުއްތަރަ ޕްރަދޭޝް އިން ވަނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފެންބޮޑުވުމާ ގުޅިގެން 93 މީހުން މަރުވެފައެވެ. ބިހާރުން ވަނީ 29 މީހުން މަރުވެފައެވެ.
ފެންބޮޑުވުމުގެ ސަބަބުން އާއްމު ދިރިއުޅުމަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން ރޭލު ދަތުރުތައް ކުރުމަށް ހުރަސް އެޅިފައިވާއިރު، މަގުތަކުގައި އުޅަނދުފަހަރު ދުއްވުމަށްވެސް ވަނީ ދަތިވެފައެވެ. ހަމައެހެންމެ، ހޮސްޕިޓަލުތަކާއި އެނޫންވެސް ސިއްހީ ހިދުމަތްދޭ ތަންތަނަށާއި، ސްކޫލުތަކަށާއި އަދި ކަރަންޓު ފޯރުކޮށްދޭ ތަންތަނަށްވަނީ ފެނުގެ އަސަރުކޮށްފައެވެ.
މީގެއިތުރުން، ބިހާރުގައި ހުންނަ ބޮޑު ޖަލެއްގެ ތެރެއަށް ފެންވަނުމުގެ ސަބަބުން އެތަނުގައި ތިބި ގައިދީން، ރައްކާތެރިކަމާއެކު އެހެން ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އިންޑިޔާގެ ނޫސްތަކުން ބުނެފައިވެއެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މި ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާއިރު، ނަޖިސް ހިންދާ ވަޅުގަނޑުތަކަށް ފެން އެޅި، އެވަޅުގަނޑުތައް ފުރުމުގެ ސަބަބުން ނަޖިސް ބޭރުވެ، އެހެން މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ.
އުއްތަރަ ޕްރަދޭޝް އާއި ބިހާރުގެ ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީތަކުން ހަރަކާތްތެރިވަމުންދާއިރު، ފެން ހިންދުމަށް ވައިގެ އަސްކަރިއްޔާގެ އެހީތެރިކަމަށްވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!