ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ބޭނުންކުރަމުންދާ "ވެށިފާރަ" ސޮފްޓްވެއަރ އަކީ އިޢުލާނު ކުރުމެއް ނެތި އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝިފާޢު (ހުވަދޫގެ / ގދ.ތިނަދޫ) ބޭނުންވާ ލޯކަލް ސޮފްޓްވެއަރ ޑިވެލޮޕަރއަކާ ޙަވާލުކޮށްގެން 1,000,000 (އެއްމިލިއަން ރުފިޔާ) އަށް ޙަވާލުކޮށްގެން ޑިވެލޮޕްކޮށްފައިވާ ސޮފްޓްވެއަރއެއް ކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށްނިންމައި އެ މައްސަލާގައި ދަޢުވާކޮށްކޮށް ދިނުމަށް އެދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝިފާޢު އެފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ގާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގެ ތަޙުޤީޤުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް (ވެށިފާރަ ސޮފްޓްވެއަރ) ހޯދުމުގެ މަސައްކަތް ވެމްކޯއިން ޙަވާލުކޮށްފައިވަނީ އިޢުލާން ނުކޮށް، އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާކަން ފާހަގަކުރެވޭކަމަށް އޭސީސީއިން ބުނެފައިވެއެވެ.
"ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރިއިރު، ވެމްކޯ ހިންގުމާ ހަވާލުވެހުރީ މުޙައްމަދު ޝިފާޢު، އަދި ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ހަވާލުކުރުމުގެ ހުރިހާ ކަމެއް ދިޔައީ މުޙައްމަދު ޝިފާޢުގެ ބެލުމުގެ ދަށުންކަން ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ، މީގެއިތުރުން، ނޮނި ސޮލިއުޝަންގެ އޯނަރ އާއި މުޙައްމަދު ޝިފާޢު އާ ގާތް ގުޅުން އޮންނަކަން ކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވޭ"
އޭސީސީއިން ބުނެފައިވެއެވެ.
ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުންކަމަށް ވީނަމަވެސް، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުޞޫލާ ޚިލާފަށް އަދި ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށްކަން ފާހަގަކުރެވޭކަމަށާއި އެގޮތުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް އިމަޖެންސީ ރިކުއެސްޓުހަދައި ނޮނި ސޮލިއުޝަންއާ މަސައްކަތް ހަވާލުކޮށްފައިވާއިރު، ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީގެ 8ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން އިމަޖެންސީ ހާލަތު ސާފުކޮށް ބަޔާންކޮށްފައި ނުވެ އެވެ. އަދި އެ ރިކުއެސްޓްތައް ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓާއި، ކުންފުނީގެ ބޯޑަށް ހުށަހަޅާފައި ނުވާކަމަށް އޭސީސީއިން ބުނެފައިވެއެވެ.
އޭސީސީއިން އިތުރަށް ބުނެފައިވަނީ، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް 11 ޖޫން 2017 ގައި ވެމްކޯއިން ނޮނި ސޮލިއުޝަންއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން، ވެމްކޯގެ ޕްރޮކިއުމަންޓް އުޞޫލާ ޚިލާފަށް، އިޢުލާނުކުރުމެއްނެތި ނޮނި ސޮލިއުޝަނުން ވެމްކޯއަށް މުދާ/ޚިދުމަތް ހޯދާފައިވާކަން ފާހަގަކުރެވޭއިރު، އެ މުދާ/ޚިދުމަތަކީ އާންމުކޮށް އިއުލާންކޮށްގެން އެފަދަ މުދާ/ހިދުމަތް ފޯރުކޮށްދޭ ކޮންމެ ބައެއްގެ އަތުންވެސް ހޯދޭނެ މުދާ/ހިދުމަތް ކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށެވެ.
"ހަމައެހެންމެ، ވެށިފާރަ ސޮފްޓްވެއަރ އަށް ގެނެސްފައިވާ އިސްލާހުތަކާއި، އޭގެ ފަހުން ވެމްކޯއަށް މުދާ/ހިދުމަތް ހޯދުމަށް ނޮނި ސޮލިއުޝަންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު"
އޭސީސީއިން ބުނެފައިވެއެވެ.
އޭގެއިތުރުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނަރގެ އެކައުންޓުން މުޙައްމަދު ޝިފާޢުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަން ތަޙްޤީޤުން އެނގޭކަމަށް ވެސް އޭސީސީއިން ބުނެފައިވެއެވެ.
މި މައްސަލައިގައި ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އަދި މުޙައްމަދު ޝިފާޢުއާ ނޮނި ސޮލިއުޝަންގެ އޯނަރއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ނޮނި ސޮލިއުޝަންގެ އޯނަރއަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމާއި، އަދި މި މައްސަލައިގައި މުޙައްމަދު ޝިފާޢު ނާޖާއިޒު ފައިދާ ހޯދާފައިވާކަން ތަޙްޤީޤަށް ސާބިތުވާކަަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!