ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވާ އަދި ދިމާވަމުންދާ އެންމެ ބޮޑު މައްސަލަތަކުގެ އަސްލަކީ ތަރައްޤީ އެއްތަނަކަށް ޖަމާކޮށްފައި އޮންނަ އޮތުމެވެ. ޒަމާނުއްސުރެ ޕްލޭން ކުރެވިފައިއޮތީ މާލެއާއި މާލެ ވަށައިގެން ތަރައްޤީކޮށް ރަށްފުށު ރައްޔިތުން މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރުވާގޮތަށެވެ.
މާލޭގެ އިމާރާތްތައް އުސްވެ، އެއިމާރާތްތަކުގެ ވެރިން އިންޑިއާއި، ސްރީލަންކާ ފަދަ ޤައުމުތައް ފަހަނައަޅައި މެލޭޝިއާއާއި، އޮސްޓްރޭލިއާއި، ނިއުޒެލެންޑާއި އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކަށް ގެންގޮސްދީފައިވަނީ މިދެންނެވި ޕްލޭނެވެ.
2008 ވަނަ އަހަރު އުފަންވި ފެހި ޤާނޫނު އަސާސީގެ ސަބަބުން، ސިޔާސީމީހުނަށް ވެރިކަން ހޯދުމަށް ރަށްފުށަށް ދަތުރުކޮށް ރަށްފުށު މީހުންގެ ރުހުން ހޯދަން ޖެހުން މަޖުބޫރު ކުރުވީ، އަތޮޅުތަކާއި ރަށްފުށުގެ ތަރައްޤީއަށް ވަޢުދުތަކެއްވެ، ދެވަނަ ފަހަރަށް ވޯޓު ހޯދަން ދާންޖެހޭނެތީ އެވަޢުދުތައް ފުއްދަން މަސައްކަތްކުރަންޖެހުމެވެ. ބަޖެޓުން ޢަދަދުތަކެއް ދައްކައި، ވަޢުދު ފުއްދޭތޯވެސް އުޅެންފެށީ އުފެދުނު ސިޔާސީ އެދުމުގެ ވާދަވެރިކަމުންނެވެ.
މާލެއަށް ހިޖުރަކުރަނީ ކީއްކުރަން؟
ބައެއް ބޭބޭފުޅުން ސޯސަލް މީޑިއާގައި ގޮވާ ވާހަކައެކެވެ. "މާލެ އަންނަނީ ކީއްކުރަން ހެއްޔެވެ؟" އެސުވާލަށް ޖަވާބެއްދޭކަށް ނެތީމެވެ. މާލެއަންނަން ޖެހޭސަބަބުތައް ގިނަވުމާއި، މާލެއައުމުން ސުވާލުކުރާ މީހުނަށް ވާ މޮޅު ފެންނަން އޮތަތީއެވެ. މާލެ ހިޖުރަކުރި، ހިޖުރަކުރާ އެތައް ޢާއިލާތަކެއް ނުނިދާ ހޯދާ އާމްދަނީ ދަނީ ކޮންބައެއްގެ ޖީބަށް ހެއްޔެވެ؟ އެހެން ވާން މަޖުބޫރު ކުރުވީ ކީއްވެހެއްޔެވެ؟
އެކަށޭނަ ވަޒީފާގެ ފުރުޞަތު މާލެއާއި މާލެވަށައިގެން އޮތުމީ އެއްސަބަބެވެ. ރަނގަޅު ތަޢުލީމެއް ދަރިންނަށްދީ، ދަރިން މޮޅު ކުދިންތަކަކަށް ހެދުމުގެ އެންމެ ފުރިހަމަ ފުރުޞަތުތައް މާލޭގައި ހުރުމީ ދެވަނަ ސަބަބެވެ. ސިއްހީ ޚިދުމަތް ހޯދުމަށް ރާއްޖެއިން އެންމެ ރަނގަޅު ތަނަކަށް މާލެ ހަދާފައިވުމީ ތިންވަނަ ސަބަބެވެ. އަދިވެސް ސަބަބުތައް ދެންނެވިދާނެއެވެ.
ތަރައްޤީ ބަހާލަންޖެހެނީ ކީއްވެ؟
މާލޭގެ ކުދި ކޮޓަރި ތަކުގައާއި، ކުދި އެޕާރޓްމަންޓްތަކުގައި އުޅެން ޖެހިފައި ވުމުމީ ހިޖުރަވެރިންގެ އިތުރުން މާލޭގެ ރައްޔިތުންނަށްވެސް ކުރަން ޖެހިފައިވާ ހިތްދަތި ތަޖުރިބާއެކެވެ. ބޯހިޔާވަހިކަންވެސް އުފަންވީ ޤައުމު ސިޔާސީ ވުމުން ކަމަށް ދެންނެވުން ދޮގަކަށް ނުވާނެއެވެ.
ޢާއިލާތައް ކުދި ތަންތަން ކޮޅުގައި އުޅެން ޖެހުމުން ނުކުންނާނެ އިޖުތިމާޢީ އަދި ސިއްޚީ މައްސަލަތައް ކެނޑިނޭޅި ނުކުންނަމުން ދެއެވެ. ތޮއްޖެހުން އިތުރުވުމީވެސް ފާހަގަކޮށްލެވޭ ސަބަބެކެވެ. ރަށްތަކުން މީހުންޖަމާވެ، މާލެ ތޮއްޖެހިފައިވުމީ މާލޭގެ ރައްޔިތުންނަށްވެސް އޮތް ތަކުލީފެކެވެ. ޤައުމަށް ދިމާވެފައިވާ އިޖުތިމާއީ ބަލި މަޑުކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ތަރައްޤީ ރާއްޖޭގެ ކަންކޮޅު ތަކަށް ބަހާލުމެވެ.
އިޤްތިޞާދީ ފައިދާ ރައްޔިތުންނަށް އޭގެ ފުރިހަމަ މާނާގައި ލިބިދެވޭނީވެސް ތަރައްޤީ ބަހާލައިގެންނެވެ. ފެހި ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ ރައްޔިތުމީހާގެ ހައްޤުތައްވެސް ފުރިހަމައަށް އަދާކުރެވޭނީ ތަރައްޤީ ބަހާލައިގެންނެވެ.
ތަރައްޤީ ބަހާލުން
ސަރުކާރެއް ހިންގުމުގައި އެންމެ ބޮޑު ބުރަޔަކަށްވެފައި އޮތް އެއްކަމަކީ، ދިވެހިރާއްޖެ އަކީ ކުދި ވަކި ރައްތަކެއްގައި މީހުން ދިރިއުޅޭ ޤައުމަކަށްވުމެވެ. ތިންސަތޭކަ މީހުން ދިރިއުޅޭ ރަށުގައިވެސް، ހަސަތޭކަ މީހުން ދިރިއުޅޭ ރަށުގައިވެސް ހުރިހާ ވަސީލަތެއް ފުރިހަމައަށް ހުންނަންޖެހޭނެ ކަމަށް ރައްޔިތުން ދެކެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ސިއްޚީމަރުކަޒުގައި ކުޑަކުދިންގެ ޑޮކްޓަރާއި އަންހެނުންގެ ޑޮކްޓަރ ހުންނަން އެދެއެވެ. ރައްޔިތުން އެމީހުންގެ ހައްޤު ހޯދަން ވަކާލާތު ކުރާނެއެވެ.
ތަރައްޤީ ކުރެވޭ ރައްތަކަކީ ސިއްޚީ ހިދުމަތާއި، ތައުލީމީ ފުރުޞަތުތަކާއި، ވަޒީފާގެ ފުރުޞަތުތަކާއި އަދި އިޤްތިޞާދީ ފުރުޞަތުއޮތް ރަށްތަކަކަށް ވާންޖެހެއެވެ. މިފަދަ ރައްތަކެއް ތަރައްޤީކޮށްފިނަމަ މާލެއަށް ހިޖުރަކުރާ ބީދައިން ކައިރިރައްތަކުން ފުރުޞަތުއޮތް ރަށްތަކަށް ހިޖުރަކުރާނެކަން ކަށަވަރެވެ. ހިޖުރަކުރާނީ އުޅެމުންދާ ރަށަށްވުރެ ހުރިހާގޮތަކުންވެސް ރަނގަޅު ފުރުޞަތުތައް ޤާއިމުވެފައިވާ ރަށްތަކެއް އުފެއްދިގެންނެވެ.
ދުރު ރާސްތާ ޕްލޭނެއް ހަދަންވީ މިކަމަށެވެ. ކެރިގެން ލާމަރުކަޒީ ޤާނޫނުވެސް ގެންނަންވީއެވެ. އިސްކަންދޭ ތަރުތީބެއް ހަދައި، ބޮޑެތި އަތޮޅުތައް ކުދިކޮށްލާ ބޮޑެތި ރައްތައް ތަރައްޤީ ކުރަންވީއެވެ. ތަރައްޤީގެ ފުރުޞަތުތައް މުޅި ރާއްޖެއަށް ބަހާލައި، ފަތުރާލަންވީއެވެ. ހުންނަންވީ ގަޓެވެ. ޤައުމުގެ ހިންގުމަށް ލުއިވާނެއެވެ. އިޤްތިޞާދު ތިޔާގިވާނެއެވެ. ރައްޔިތުންނަށް އުފާވެރިކަން ލިބިދޭނެއެވެ. އެހެނަސްމީ އެއްދުވަހަކުން ދެދުވަހަކުން ވާނެކަމެއްނޫންކަން ދަންނަމެވެ. ނަމަވެސް މީ ކޮންމެހެން ކުރާންޖެހިފައިވާކަމެއްކަމަށް ދެކެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!