ހދ. މަކުނުދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ.

މަކުނުދޫ ސިއްހީ މަރުކަޒުން މިރޭ ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭގެ ވަގުތެއްގައި އެރަށް މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށެވެ.

Ad
rt

މޮނިޓަރިންގެ ހާލަތުގައި މަކުނުދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، އެ މަރުކަޒުގެ ފަރާތުން ވަނީ މަކުނުދޫ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

މިމަހުގެ 14 ވަނަ ދުވަހު މަކުނުދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމުގެ ސަބަބުން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަަލަށް އެރަށުން 125 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައި ވެއެވެ. އެ ސާމްޕަލްތަކުން އެއް ސާމްޕަލް ޕޮޒިޓިވްވިއިރު، ބާކީ 124 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. މި ސާމްޕަލްތަކުގެ ތެރޭގައި ރެންޑަމް ސާމްޕަލާއި، ފްލޫ ސާމްޕަލާއި، ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލާއި އަދި ހޯމް ކަރަންޓީން ފުރިހަމަ ކުރި މީހުންގެ ސާމްޕަލް ވެސް ހިމެނެއެވެ.

މޮނިޓަރިން ހާލަތުގައި އޮތުމުން މަކުނުދޫ ކައުންސިލުން، ރޭގަނޑު 21:00 އިން ފަތިހު 4:00 އަށް އެރަށުގައި ކާފިއު ވެސް ހިންގިއެވެ.