"ޝާޢިރުންގެ ވާދީ"އިން މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ބޭއްވި ޅެން ހެދުމުގެ މުބާރާތުގެ 1 ވަނަ ހދ. ކުޅުދުއްފުށީ ސިޓީ، ރިއޯ، އަޙްމަދު މުނައްވަރު މުޙައްމަދު ހޯދައިފިއެވެ.
މުނައްވަރަކީ ވަރަށް ގިނަ ރީތި ޅެންތައް ފަށުވި އިބާރާތުން ލިޔެ، މީސް މީޑިއާއަށް ދޫކުރަމުންދާ ކުޅަދާނަ ޅެންވެރިއެއް ވެސް މެއެވެ.
މީގެއިތުރުން އޭނާއަކީ ޖަމާއަތްތެރިއެއްގެ ގޮތުން ވެސް ގިނަ ބަޔަކު ދަންނަ ޚިދުމަތްތެރި މޫނެކެވެ. އޭނާ ދަނީ މާލޭ އާސަހަރާގެ އިތުރުން ހުޅުމާލޭ ސަހަރާގައި ވެސް މަސައްކަތް ކުރަމުންނެވެ.
ކޯވިޑްގެ ރާޅުތައް ރާއްޖެއަށް ބިންދާލި އެކި ފަހަރުތަކުގައި އޭނާ ވަނީ ގިނަ ދުވަސްތަކަކު ޢާއިލާއާއި ވަކިން ސަހަރާގައި ހޭދަކޮށްފައެވެ. އެ ހަނދާންތަކުގެ ތެރެއިން ވެސް މުނައްވަރުގެ ގަލަމުން އަސަރުގަދަ ޅެންތަކެއް ވަނީ ލިޔެ އާންމުކޮށްފައެވެ.
"ޝާޢިރުންގެ ވާދީ"އިން މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ޅެން ހެދުމުގެ މުބާރާތުގެ 2 ވަނަ ހޯދާފައި ވަނީ، މ. ރަތްމަންދޫ، ހަޒާރުމާގޭ، ޒުނައިރާ ޒަކަރިއްޔާއެވެ.
މި މުބާރާތުން 3 ވަނަ ހޯދާފައި ވަނީ އައްޑޫ ސިޓީ މީދޫ، ލާޖުވަރުދީ، މަރްޔަމް ޝަޒްލީންއެވެ.
https://thiladhun.wonstasite.com/64516
މިނިވަން ދުވަހާއި ގުޅުވައިގެން "ޝާޢިރުންގެ ވާދީ"އިން ވަނީ ޒޫމް މެދުވެރިކޮށް ދުވަހަށް ޚާއްޞަ ޖަލްސާއެއް ވެސް ބާއްވާފައެވެ.
"ޝާޢިރުންގެ ވާދީ" އަކީ، ދިވެހި ޅެންވެރިކަން ކުރިއަރުވައި، ގިނަ ޅެން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!