ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަޙްމަދު، ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން އޮތީ މިއަދުގެ ހެނދުނު ހަނިމާދޫގައި ހުންނަ ބެއާފޫޓް އެކޯ ހޮޓެލްގައެވެ.

Ad
rt

މި ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ރަށުގެ ތަރައްޤީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މުހިންމުކަމާއި، އެންމެންގެ ޚިޔާލު ހިމެނޭނެހެން ރަށުގެ ކަންކަން ކުރިއަށްގެންދިއުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި، އެފަދަ ކަންކަން ކުރިއަށްގެންދެވެން ހުރި މަގުތައް ދެނެގަނެ އެކަންކަމަށް މަގުފަހިވާނޭގޮތަށް މަސައްކަތް ކުރުމަށ ްވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.

މި ބައްދަލުވުމުގައި ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން ހަނިމާދޫ އަންހެން ބޭފުޅުން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ މަގެއް ފަހިކޮށްދިނުމަށާއި، ކަސްރަތުކުރާ އަންހެން އިންސްޓްރަކްޓަރެއް މުހިންމުކަމާއި، އަދި ކަނބަލުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިޔުމުގެ މަގުފަހިވެގެން ދިއުމުގެ މުހިންމުކަން އެ ކޮމެޓީން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ އެ އެކޮމިޓީގެ މެންބަރުން އެދިވަޑައިގެންނެވި ކަންކަން ކުރިގެންދިއުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންކަންކަމުގެ މަޢުލޫމާތު އެ އެކޮމިޓީގެ މެންބަރުންނަށް ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އުތުރުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި މި މަހުގެ 16 ވަނަ ދުވަހު ވަނީ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފައެވެ. އެއަށްފަހު 17 ވަނަ ދުވަހު ކުމުންދޫއަށް ވަޑައިގެން އެ ރޭ ވަނީ ހަނިމާދޫއަށް ވަޑައިގެންފައެވެ. ހަނިމާދޫއަކީ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.