ހއ. ފިއްލަދޫން އިތުރު 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
16 ޖޫން 2021 ވަނަ ދުވަހު ބަލީގެ އަލާމާތް ހުރެގެން ފިއްލަދޫ ފުލޫ ކުލިނިކަށް ދެއްކި އެ ރަށު ސްކޫލު ކުއްޖެއްގެ ނަތީޖާ މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ 17 ޖޫން 2021 ވަނަ ދުވަހުއެވެ.
އެކޭހާއި ގުޅިގެން ނެގުނު 36 ސާމްޕަލަކުން އިތުރު 8 މީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ފިއްލަދޫ ކައުންސިލުން ވިދާޅުވެއެވެ. މި 36 ސާމްޕަލްގެ ތެރޭގައި މިމަހު 16 ވަނަ ދުވަހު ނެގުނު ބައެއް ސާމްޕަލް ވެސް ހިމެނެއެވެ. ދެން ހިމެނެނީ މިމަހު 17 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކެކެވެ. އެ 36 ސާމްޕަލުގެ ތެރެއިން 25 ސާމްޕަލެއް ނެގެޓިވްވެފައިވާއިރު، އަދި ނަތީޖާ ނުލިބޭ 2 ސާމްޕަލެއް ވެސް ވެއެވެ.
އިތުރު ކޭސްތަކެއް ފެނުމާއިގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުމަށް ފިއްލަދޫ ކައުންސިލުން ވަނީ އެދިފައެވެ.
ފިއްލަދޫގެ ކޯވިޑްގެ ހާލަތާއިގުޅޭ މައުލޫމާތު ދެއްވުމަށް މިމަހުގެ 18 ވަނަ ދުވަހު ފޭސްބުކް ލައިވް މެދުވެރިކޮށް ފިއްލަދޫ ކޯވިޑް ޓާސްކް ފޯހުން ބޭއްވި ބައްދަލުވުމުގައި ފިއްލަދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އަނަސް މޫސާ ވިދާޅުވި ގޮތުގައި، އެރަށުގެ 6 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސް، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު 72 ފަރާތުގެ ތެރެއިން 36 ފަރާތެއްގެ ސާމްޕަލްނަގައި އެދުވަހާއިހަމައަށް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ލެބޯޓްރީއަށް ފޮނުވާފައެވެ.
ފިއްލަދޫން ކޯވިޑް ބަލި ފެނުމާއި ގުޅިގެން އެރަށުގައި ވަނީ ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުކެއްވެސް އަޅާފައެވެ. މި ފިޔަވަޅުތަކުގެތެރޭގައި އިސްލާމިކް މިނިސްޓްރީގެ ލަފާގެމަތިން އެ ރަށުގައި ޖަމާއަތުގައި ނަމާދުކުރުން މިހާރު ވަނީ މެދު ކަނޑާލާފައެވެ. އަދި ސްކޫލުގެ އެންމެހާ ހަރަކާތްތައް މިވަގުތު ހުއްޓާލާފައިވާއިރު، އެ ރަށުގެ ފިހާރަ ހޮޓާ އަދި ރެސްޓޯރެންޓްތަކަށް ހަމަ އެކަނި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން ކުޅިވަރުކުޅޭ ހުރިހާތަނެއް މިހާރު ވަނީ ބަންދު ކޮށްފައެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް ގެއިން ބޭރަށް ނުކުތުމަށް ކޮންމެ ގެއަކަށް ހާއްސަ ފާހެއް މިހާރު ދޫކޮށްފައިވާއިރު، އެ ރަށުގައި މިހާރު ހިންގަމުން އަންނަ ނަރުދަމާގެ މަސައްކަތާއި ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ވެސް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.
ފިއްލަދޫން އިތުރު 8 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 9 އެވެ.
ފުލޫ ކުލިނިކަށް ދެއްކި ކުއްޖެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ 17 ޖޫން 2021 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:20 އިން ފެށިގެން އެ ރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!