ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ޖަރުމަނުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މި މެޗުން ޖަރުމަނު މޮޅުވެފައިވަނީ 4-2 ގެ ނަތީޖާއަކުނެނެވެ.
ޖަރުމަނުގެ އެލިއެންޒް އެރީނާގައި ހޮނހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ޕޯޗުގަލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.
މެޗު ފެށިގެން ވެސް ޖަރުމަނުން ދިޔައީ ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މިގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި އެ ޓީމުން ލަނޑެއް ކާމިޔާބު ވެސް ކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމާފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޖަރުމަނުގެ އުންމީދީ ކުޅުންތެރިޔާ ހަވާޓްޒް ވަނީ ޕޯޗުގަލްގެ ގޯލަށް ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާ ދިފާއު ކޮށްފައިވަނީ ޕޯޗުގަލްގެ ކީޕަރ ޕެޓްރީޝިއޯއެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ޕޯޗުގަލުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ލަނޑު ޔޮޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މި މުބާރާތުގައި ރޮނާލްޑޯ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އަދި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޭނާ ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.
މި މެޗު ޖަރުމަނު ކޮޅަށް އެނބުރިގެން ދިޔައީ ފުރަތަމަ ހާފުގައި ކައިރިކައިރީގައި ޕޯޗުގަލްގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަތް ލަނޑުތަކުންނެވެ. ޖަރުމަނުގެ ފުރަތަމަ ލަނޑަކީ 35 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޑިފެންޑަރ ރުބެން ޑިއާޒްއަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ޖަރުމަނުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ވެސް މެޗުގެ 39 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޑިފެންޑަރ ރަފޭލް ގުއެރޭރޯ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ ޖަރުމަނު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުވެސް ފަށައިގެން ރަނގަޅަށް ކުޅެފައި ވަނީ ޖަރުމަނުންނެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 51 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ގޫސެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކައި ހަވާޓްޒެވެ. މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 60 ވަނަ މިނެޓުގައި ކިމިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ގޫސެންއެވެ.
މެޗުގައި ޕޯޗުގަލްއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ޑިއެގޯ ޔޮޓާއެވެ. މި ލަނޑަށް ފަހު ޕޯޗުގަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މިގޮތުން އެ ޓީމްގެ މިޑްފީލްޑަރ ރެނާޓޯ ސަންޗޭޒް ފޮނުވާލި ބާރު ހަމަލާއެއް ވަނީ ޖަރުމަނުގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުން ޖަރުމަނު މޮޅުވުމާއި އެކު މި ގްރޫޕްގެ ވާދަވެރިކަން މި ވަނީ ބޮޑުވެފައެވެ. މިވަގުތު އެއްވަނާގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެން ފްރާންސެވެ. ދެވަނާގައި އޮތް ޖަރުމަނަށް ތިން ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި އޮތް ޕޯޗުގަލްއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތް ހަންގޭރީއޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ.
މި ގުރޫޕުން ދެވަނަ ބުރަށް ދާ ޓީމްތަށް ކަށަވަރު ވެގެންދާނީ މި ގްރޫޕުގެ ފަހު މެޗުތަކަށް ފަހުއެވެ. މި ގްރޫޕްގެ ފަހު މެޗުތަކުގައި ބުދަ ދުވަހު ރޭ ޕޯޗުގަލް ފުރާންސާއި ވާދަކުރާއިރު ޖަރުމަނު ވާދަ ކުރާނީ ހަންގޭރީއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!