ހިންމަފުށީ ކައިރީ އޮންނަ ފިނޮޅެއް ކޯރު ކަނޑައިގެން ގެއްލުން ދިން މައްސަލާގައި ގިލި ލަންކަންފުށި މޯލްޑިވްސް ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ބުނީ 21 ޖަނަވަރީ 2021 ގައި ކ. ހިންމަފުށްޓާއި ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓާއި ދެމެދު އޮންނަ ފިނޮޅަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓުގެ މުވައްޒަފުންތަކެއް އަރައި، އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން އެ އެޖެންސީއިން މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ބެލިބެލުމުން ވަނީ ޔަޤީންކުރެވިފަވާ ކަމަށެވެ.

Ad
rt

މިގޮތުން، އެ ފިނޮޅުގެ ތިން ސަރަޙައްދަކުން ކޯރު ކަނޑާފައިވާކަން ފާހަގަކުރެވުނު ކަމަށް އީޕީއޭއިން ބުންޏެވެ. މިހެންކަމުން، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ ޢަދަދު ކަމަށްވާ 5,62,980.00 (ފަސްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކެވުމަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ އޮޕަރޭޓަރ، ޕްރޯމަސް ޕްރައިވެޓް ލިމިޓެޑަށް މިމަހުގެ 27 ވަނަ ދުވަހު އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

މިއަހަރުގެ ޖެނުއަރީމަހު ތެރޭ އެ ފިނޮޅުން ކޯރު ކަނޑައި، އެ ތަނަށް ގެއްލުން ދޭން މަސައްކަތްކުރީ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއް ކަމަށް އަޑުފެތުރުމާއެކު އީޕީއޭއިންނާއި ފުލުހުން އެމައްސަލަ ބަލަން ފެށިއެވެ. އަދި ފިނޮޅުން ކޯރު ކަނޑައިގެން ގެއްލުން ދިން މައްސަލާގައި އިސްކޮށްހުރިކަމަށް ބުނާ، ގިލިލަންކަންފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރު ޖެނުއަރީ 24 ވަނަ ދުވަހު ފުރުން ވެސް މަނާކުރިއެވެ. އެމައްސަލަ ފެންމަތިވެ ކުރިމަތިވި ފާޑުކިޔުންތަކާއެކު ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ވެސް ދީފައެވެ.

އެ ފިނޮޅު ހަލާކުކޮށްލަން މަސައްކަތް ކުރުމުން، ތިމާވެށި ހިމާޔަތްކުރާ ބައެއް މީހުންނާއި، ޖަމިއްޔާތައް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން މިފަދަ ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ ޖަރީމާތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ''ޓްރާންސްޕޭރަންސީ މޯލްޑިވްސް''އާއި، ''އެކޯ ކެއާ މޯލްޑިވްސް''އާއި، ''ދަ މޯލްޑިވްސް ރީސައިލެންޓް ރީފް ޕްރޮޖެކް''އާއި، ''ސޭވް އަވަރ ވޭވްސް މޯލްޑިވްސް''އާއި، ''ޒީރޯ ވޭސްޓު މޯލްޑިވްސް''އާއި، ''ސޭވް ހުވަދޫ''އާއި، ''މަލަފެހި މީދޫ ޕްރޮޓެކްޓް ދަ އެންވަޔަރަންމަންޓް''އާއި، ''ހުވަދޫ އެއިޑް''އާއި، ''ލޭންޑް ސީ މޯލްޑީވްސް''އާއި، ''ބިލީފް'' އަދި ''ސޭވް މޯލްޑިވްސް'' ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ ގޮވައިލާފައެވެ.